22 May 2011, 12:32
ސަރުކާރަށް ދައްކަން ޖެހޭ ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 453739 ޑޮލަރު [7 މިލިއަން ރުފިޔާ] ނުދައްކައިގެން، ހުނވަދުމާފުށި [ފުނަމައުއްޑުއާ] ރިސޯޓް ހިންގާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ [މީރާ] އިން މައްސަލަ ހުށަހަޅައިފި އެވެ.
ހުނވަދުމާ ފުށި އޮޕަރޭޓް ކުރާ ސަމާ ސީޒަން އާ ދެކޮޅަށް މީރާ އިން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ 2010ގެ ފަހު ކުއާޓަރުގައި [އޮކްޓޯބަރު، ނޮވެމްބަރު، ޑިސެމްބަރު] ސަރުކާރަށް ދައްކަން ޖެހޭ ބިމު ކުއްޔާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އާ އެކު 169401 ޑޮލަރު [2.6 މިލިއަން ރުފިޔާ] ހޯދުމަށާއި އަދި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ބިމު ކުއްޔާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ 284338 ޑޮލަރު [4.38 މިލިން ރުފިޔާ] ހޯދުމަށެވެ.
"އަޅުގަނޑުމެން އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކައި ބައްދަލު ވެސް ކުރުމަށް ފަހު ފައިސާ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އެ ފައިސާ ނުދެއްކުމުން އެ މައްސަލަ ކޯޓަށް ވެއްދީ،" މިރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މިރާ އިން ހުނވަދުމާފުށި ހިންގާ ސަމާ ސީޒަން ރިސޯޓުގެ މައްޗަށް ދައުވާ ކުރާ އިރު އެ ރިސޯޓަކީ ޔޮޓް ޓުއާޒްގެ ޗެއާމަން އަދި އެމްޑީޕީގެ ފަންޑް ރައިސިން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިސޯޓެކެވެ.
ޖާބިރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތްނުވެފަ އެވެ.
އެ ރިސޯޓުގެ މައްޗަށް ދައުވާ ކުރި ނަމަވެސް ސުލްހަވެރިކަމާ އެކު ކޯޓުން ބޭރުން އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީގެ ކުރިން ވެސް މިރާ އިން ވަނީ ކިހާދުއްފަރު ރިސޯޓުގެ މައްޗަށް ވެސް 4.8 މިލިއަން ރުފިޔާ ހޯދުމަށް ކޯޓުގައި ދައުވާކޮށްފަ އެވެ.