ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ ޑިސެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މީގެ ކުރިން އެ އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ މިދިޔަ މަހުގެ 30 އަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖެންޑާ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ އެވޯޑަށް ހުށަހަޅާ ފަރާތްތައް ހޮވާނީ މި މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުންމިކަމަށް ހާއްސަކޮށްގެން ހަދާފައިވާ މާކްސް ދޭނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެވޯޑަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރާނެ ކަމަށެވެ. އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައި ވަނީ މިކަމަށް އެކުލަވާލާފައިވާ ހާއްސަ ކޮމެޓީއަކުން ނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަޑިސެބިލިޓީއެވޯޑަށް ކުރިމަތިލުމަށް މިއަހަރު ވަނީ ނުވަ ދާއިރާއަކުން އިއުލާނުކޮށްފަ އެވެ.

މި އަހަރު އެ އެވޯޑު ދޭން ނިންމާފައިވާ ނުވަ ދާއިރާ އަކީ:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (ފަސް ފަރާތެއް)
  • ރާއްޖެ އަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
  • ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތައް (އެއް ފަރާތް)
  • ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (ދެ ފަރާތެއް)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް (އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތް ދޭ ފަރާތްތައް (އެއް ފަރާތް)

އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު 15 ފަރާތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.