ޕޯޗްގަލް ޓީމަށް ފާޑުކިޔާ ފަރާތްތަކަށް މިހާރު އެއްޗެއް ވިސްނިދާނެ ކަމަށާއި، ޔޫރޯ 2016ގެ ޓްރޮފީއަކީ ޕޯޗްގަލަށް ހައްގު ޓްރޮފީއެއްކަމަށް އެޓީމުގެ ތަރި އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މެޗުގެ ކުރީކޮޅުގައި ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޮނާލްޑޯއަށް މެޗާ ވަކިވާން ޖެހުނު ނަމަވެސް އާޚިރު ނަތީޖާ އައީ އޭނާގެ ބައިނަލްއަގްވާމީ ޓްރޮފީ ކަލެކްޝަނަށް ޔޫރޯގެ ތައްޓެއްވެސް އިތުރުވެގެންނެވެ.

ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ދަނޑުން އޭނާ ފޭބިނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ދެހާފްގައިވެސް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކޯޗު ފެނާންޑޯ ސަންޓޯސްއާއެކު އޭނާ ވަނީ ދަނޑުގެ އަރިމަތީގައި ހަރަކާތްތެރިވެފައެވެ.

ޕޯޗްގަލް ޓީމުން ޔޫރޯގެ ޗެމްޕިއަންކަން ހޯދި ލަނޑު ކާމިޔާބުކުރީ، ޕެރިހުގައި ކުޅުނު ފައިނަލް މެޗުގެ 109ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުހާފުގައި ބަދަލުކުޅުންތެެރިއެއްގެ ގޮތުގައި ނުކުތް އެޑާއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔޫރޯ 2016ގެ ފައިނަލް މެޗުގައި ލަނޑު ޖެހި އެޑާ -- ފޮޓޯ: އޭޕީ

"އެތަކެއް އަހަރެއްގެ ގުރުބާނީއަށް ފަހު މިއީ ޕޯޗްގަލަށް ހައްގު ޓްރޮފީއެެއް. އެވެސްބަޔަކު ގަބޫލެއް ނުކުރޭ އަހަރެމެންނަށް މި މުބާރާތް ކާމިޔާބު ކުރެވިދާނޭ ކަމަކަށް،" ރެއާލް މެޑްރިޑްގެ ތަރި އުފަލުން ފޮޅިފައިހުރެ ބުންޏެވެ.

"އަހަންނަށް ކްލަބް ލެވެލްގައި ހުރިހާ އެއްޗެއްވެސް ހޯދިއްޖެ. އަހަންނަށް ކާމިޔާބެއް ނުލިބި އޮތީ ހަމައެކަނި ގައުމީ ޓީމާއެކު،"

ރޮނާލްޑޯ ބުނީ، ފައިނަލް މެޗުގައި ލަނޑު ޖަހާނީ، ފްރާންސްގެ ލިލްއަށް ކުޅޭ ފޯވާޑް އެޑާކަން ކުރިންވެސް އޭނާއަށް އިހްސާސް ކުރެވުނުކަމަށެވެ.

"އަހަރެން ފުޓްބޯޅަ ކުޅޭތާ ދިގު މުއްދަތެއް ވެއްޖެ. އަހަންނަށް އިހްސާސްކުރެވުނު އޭނަ [އެޑާ] އޭ މެޗުގައި ލަނޑު ޖަހާނީ،" ރޮނާލްޑޯ ބުންޏެވެ.