11 Jul 2016, 10:39
ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް ހޯދައިފި އެވެ.
އެ އެވޯޑަށް ވާދަކުރަނީ 1 ޖެނުއަރީ 1994ގެ ފަހުން އުފަންވި ކުޅުންތެރިންނެވެ. ސަންޗޭޒް އާއެކު އެ އެވޯޑަށް ދެން ވާދަކޮށްފައި ވަނީ ޕޯޗުގަލް ޑިފެންޑަރު ރަފައެލް ގުރޭރޯ އާއި ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން އެވެ.
އެވޯޑު ހޮވުމަށް އެކުލަވާލި ޕެނަލްގައި ހިމެނުނީ ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުންނާއި ޓެކްނިކަލް އޮފިސަރު ލޮއާން ލުޕެސްކޫގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އާއި އެލެއިން ގިރޭސޭ އެވެ.
ޔޫރޯގައި ޕޯޗުގަލުން ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސަންޗޭޒް ފެނިގެންދިޔަ އިރު، ކުއާޓާ ފައިނަލުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލުގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު އަދި ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11 އިން އޭނާ ފެނިގެންދިޔަ އެވެ.
އެންމެ ފުރަތަމަ ޕޯޗުގަލް ޓީމަށް ސަންޗޭޒް ލަނޑެއް ޖަހާފައި ވަނީ ޔޫރޯގެ ކުއާޓާގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ލަނޑާ އެކު އޭނާ ވެފައި ވަނީ ޔޫރޯއެއްގައި ލަނޑުޖެހި ކުޅުންތެރިންގެ ތެރެއިން ތިންވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ޔޫރޯގެ ފައިނަލެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށް ވެސް މިހާރު ސަންޗޭޒް ވަނީ ވެފަ އެވެ. ރޭގެ ފައިނަލުގައި ސަންޗޭޒް ކުޅުނު އިރު، އޭނާ އަށް ފުރިފައި ވަނީ 18 އަހަރާއި 328 ދުވަހެވެ. ކުރިން އެ ރެކޯޑު ހަދާފައި ވަނީ މިހާރު ޕޯޗުގަލްގެ ކެޕްޓަން ކަމުގެ މަގާމު އަދާކުރަމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ އެ ރެކޯޑު ހެދީ އަމިއްލަ ގައުމުގައި ބޭއްވި 2004 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގަ އެވެ. އޭރު ރޮނާލްޑޯ އަށް ފުރިފައިވަނީ 19 އަހަރާއި 150 ދުވަހެވެ.