11 Jul 2016, 10:13
ޔޫރޯ 2016ގެ ފައިނަލް މެޗުގައި ރޭ ފޯޗްގަލް އާ ވާދަކޮށް 1-0 ލަނޑުން ފްރާންސް ބަލިވުމުން ކުރެވުނު ހިތްދަތި އިހްސާސްތައް ބުނެދޭންވެސް ނޭނގޭކަމަށް ފްރާންސްގެ ހެޑް ކޯޗް ޑިޑިއާ ޑިޝޯމްޕް ބުނެފިއެވެ.
ސްޓާޑޭ ޑެ ފްރާންސްގައި އާދީތައް ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން އަމިއްލަ ފަސްގަނޑުގައި ފްރާންސް ބަލިވީ، 90 މިނިޓަށް ފަހު ކުޅުނު އިތުރު ވަގުތުގެ 30 މިނިޓްގެ ތެރޭގައި ޕޯޗްގަލް ކާމިޔާބުކުރި ލަނޑުންނެވެ. އެ ލަނޑު ކާމިޔާބުކުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި އެޑާއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލިބުނު އަނިޔާއަކާ ގުޅިގެން ޕޯޗްގަލްއަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ބާލަން ޖެހުނު އިރު އެޓީމުން މެޗުގެ ބޮޑުބައެއް ކުޅެފައިވަނީ ޑިފެންސްކޮށްގެންނެވެ. އަދި ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފްރާންސްގެ އެންޑްރޭ ޕިއެރޭ ޖިގްނެކް ފޮނުވާލި ނުރައްކާތެރި ހަމަލާއަކުން އެޓީމަށް މޮޅު ނުވެވުނީ ހަމަ ކިރިޔާއެވެ. އެ ބޯޅަ ގޯލްތެރެއަށް ނުވަދެ ދިޔައީ ޕޯޗްގަލްގެ ގޯލް ދަނޑީގެ އެތެރޭގައި ޖެހިފައެވެ.
ޑިޝޯމްޕްސް ބުނީ، އެޓީމަށް މޮޅު ނުވެވުނީ، ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފެވުމުން ކަމަށެވެ. އަދި މިހާރު ލިބިފައިވާ ހިތްދަތިކަމުން ކުޅުންތެރީން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނޭ ކަމަށް އޭނާ ބުންޏެވެ.
"ބުނާނެ ބަހެއްވެސް ނޭނގެ. މިއީ ވަރަށް ހިތި އިހްސާސްތަކެއް. ހަނދާނުން ފޮހެލަން ވަގުތު ނަގާނެ،" އެމް6 އާއި ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ފްރާންސް ކޯޗު ބުންޏެވެ.
"އަހަރެމެން ކުޑަކުޑަކޮށް ވަރުބަލިވީއޭ ބުންޏަސް އެއީ އުޒުރަކަށް ނުވާނެ. އަހަރެމެންނަށް ފުރުސަތު ލިބުނު، ފަހުވަގުތު ޖިގްނެކަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭ. އޭގެ ފަހުންވެސް ޕޯޗުގީޒް މަދު ހަމަލާތަކެއް އުފެއްދިނަމަވެސް އަހަރެމެންނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު."
ޑިޝޯމްޕް ބުނީ، އެ ހުރިހާ ފުރުސަތެއް ލިބުނު ނަމަވެސް ނަސީބު ކަންދިމާކުރިގޮތުން ލަނޑު ޖެހީ ޕޯޗްގަލް ޓީމުން ކަމަށާއި، އެއާއެކު އަމިއްލަ ފަސްގަނޑުގައި ޗެމްޕިއަންކަން ހޯދައި ފާޅުކުރާން ލިބުނު އުފާ އަތުން ބީވެގެން ދިޔައީ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ފްރާންސަށް އުފާވެރިކަން ގެނެސްދެވުނު ނަމަވެސް ފަހުވަގުތުގައި ނަސީބު ކަންދިމާކުރީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރަމުން ފްރާންސް ކޯޗު ބުނީ، ފްރާންސަށް ލިބޭ ކާމިޔާބީ އެންމެން އެކުގައި ފާހަގަކުރާގޮތަށް އެޓީމަށް ލިބޭ މިފަދަ ހިތްތަދިކަންވެސް ފާހަގަކުރާނީ އެންމެން އެކުގައި ކަމަށެވެ.