ޑީއާރްޕީގެ ޒައީމް މައުމޫނު ވިދާޅުވަނީ ޒެޑް ޑީއާރްޕީ އަކީ އަސްލު ޑީއާރްޕީ ކަމަށެވެ. ތަސްމީނު ވިދާޅުވަނީ ޒެޑް ޑީއާރްޕީން އަސްލު ޑީއާރްޕީގެ ފިކުރީ މުދާ ގާނޫނާ ޚިލާފަށް ބޭނުން ކުރަނީ ކަމަށެވެ. ޕާޓީގެ ވެރިންނަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެކަން ބުނެދޭން އެނގޭނެ ބަޔަކު ނެތެވެ. ސުރުޚީ ގޮސް ގުޅެނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވި ޑީއާރްޕީގެ ގައުމީ ޖަލްސާ އަށެވެ. އެ ޖަލްސާގެ ނިންމުން ތަކަށެވެ. ޑީއާރްޕީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓުނީ ކަމަށް މާނަ ކުރެވޭނެ ވާހަކަތަކެއް ފެންމަތި ވެގެން މި އުޅެނީ ގައުމީ ޖަލްސާގެ ނިންމުންތަކާ ގުޅުވައިގެންނެވެ.

ޑީއާރްޕީގެ ގައުމީ ޖަލްސާ ބާއްވައި ޕާޓީގެ އެންމެ އިސް މަގާމު ތަކަށް މީހުން ހޮވާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރާއި ހަތަރު ނައިބު ލީޑަރުން ވެސް ވަނީ ހޮވައިފަ އެވެ. ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަން ކޮމިޝަނުގެ ސިޔާސީ ޕާޓީ ތަކުގެ ގަވައިދުގެ 17 ވަނަ މާއްދާގައި ބުނާ ގޮތުން ގައުމީ ޖަލްސާގެ ވަކި ކަހަލަ ނިންމުން ތަކެއް އެ ފާސް ކުރާތާ 15 ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. ސިޔާސީ ޕާޓީ ތަކުގެ ގަވައިދުގެ 17 ވަނަ މާއްދާގައި ބުނަނީ، "ސިޔާސީ ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލުކުރާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަރަށް ލިޔުމަކުން އަންގަންވާނެ" ކަމަށެވެ.

ޑީއާރްޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ގައި، މަގާމު ތަކަށް މީހުން ހޮވާފައި ވަނީ ޕާޓީގެ އާންމު މެންބަރުންގެ ވޯޓުންނެވެ. މި ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ މީޑިއާގެ ކުރިމަތީގަ އެވެ. ގައުމީ ޖަލްސާ އަށް އެތައް ސަތޭކަ މެންބަރުންނެއް މާލެ އަށް ގެނެސްފައިވެ އެވެ. އެހެން ކަމުން މި ޖަލްސާގައި މެންބަރުން ދިން ވޯޓު ނުވަތަ އެ މެންބަރުންގެ ނިންމުން ތަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

އެހެން ނަމަވެސް އެ ނިންމުމުގެ މަޢުލޫމާތު އިލެކްޝަނަށް ހުށަހަޅަން އޮންނަ މުއްދަތުގައި ހުށަ ނާޅައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކަނީ ޑީއާރްޕީގެ ލީޑަރޝިޕުގައި ތިބީ އެންމެ ފަހުގެ ކޮންގްރެސް އިން ފާސް ކުރި މީހުން ނޫން ކަމަށެވެ. ދެން އުފެދޭ ސުވާލަކީ މިހެން ދިމާ ވުމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އެއީ ސައްހަ އެއްޗަކަށް ނުވާނެތޯ އެވެ؟ މިހާލަތުގައި އެހެން ކޮންގްރެސް އެއް ބާއްވަން ޖެހޭނީ ތޯ އެވެ؟ ސައްހަ ވާނީ ކުރީގެ ލީޑަޝިޕް ތޯ ނުވަތަ އެންމެ ފަހުގެ ކޮންގްރެސްގައި މެންބަރުން ހޮވި ލީޑާޝިޕުތޯ އުފެދޭ ސުވާލެވެ.

މި ހުރިހާ ސުވާލު ތަކަށް ސާފު ޖަވާބެއް ނެތެވެ. ޕާޓީ ދެ ފެކްޝަނަށް ބައި ވެފައި ވާއިރު، ޒެޑް ފެކްޝަނުގެ ފަރާތުން ދާދި ފަހުން ވަނީ ޑީއާރްޕީގެ ލީޑަޝިޕުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައިފަ އެވެ. އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ސިޔާސީ ޕާޓީ ތަކުގެ ގަވައިދާ އެއް ގޮތަށް އިލެކްޝަނަށް ހުށަހަޅާފައި ނުވާތީ، އެ ނިންމުމުގެ ގާނޫނީ ބަރުދަނެއް މިހާރު ނެތް ކަމަށް ބުނެ، ޕާޓީގެ ކޮންގްރެސް އެއް ވީ އެންމެ އަވަހަކަށް ބާއްވައި ޕާޓީގެ ލީޑަރޝިޕެއް އަލުން ހޮވުމަށް ޒެޑް ފެކްޝަނުން ވަނީ ޕާޓީގެ މުއައްސިސުންނަށް ގޮވައިލާފަ އެވެ. މި ގޮވައިލުމަކީ އެއް ގޮތަކުން ބަލާ އިރު ސައްހަ ގޮވައިލުމެއް ކަމަށް މާނަ ކުރެވިދާނެ އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 17 ވަނަ މާއްދާއާ ޑީއާރްޕީން ޚިލާފު ވެފައި ވާތީ އެވެ. ކޮންގްރެސްގެ ނިންމުން އެ ނިންމިތާ 15 ދުވަހުގެ ތެރޭގައި އިލެކްޝަނަށް ހުށަހަޅާފައި ނުވާތީ އެވެ. އެ ނިންމުން ރަސްމީ ގޮތުން އިލެކްޝަނުގެ ދަފުތަރަށް އަރުވާފައި ނުވާތީ އެވެ. މި ވިސްނުމަށް ބުރަވާ އިރު ޒެޑް ފެކްޝަނުގެ ގޮވައިލުމަށް ބާރު ލިބެ އެވެ. ކޮންގްރެސް އަކުން ނިންމިއަސް އެ ނިންމުމަށް ރަސްމީ ހައިސިއްޔަތު، ނުވަތަ ގާނޫނީ ހައިސިއްޔަތު ލިބެނީ އިލެކްޝަނަށް ހުށަހަޅައި ދަފުތަރުގައި ލިސްޓު ކުރުމުން ކަމަށް ވާ ނަމަ މި ކަމުގައި ސުވާލު އުފެއްދުމަށް ޖާގަ އެބަ އޮތެވެ.
ދެން އޮތީ ކޮންގްރެސްގެ ނިންމުމުގެ ވާހަކަ އެވެ. މި ކޮންގްރެސްގެ ކަންކަން ކުރިޔަށް ގޮސްފައި ވަނީ ދަރުބާރު ގޭގައި މީޑިއާގެ ހާޒިރުގަ އެވެ. ކޮންގްރެސް އަށް އަތޮޅު ތަކުން ޑީއާރްޕީގެ އެތައް ސަތޭކަ މެންބަރުންނެއް މާލެ އަށް ގެނެސްފައިވެ އެވެ. އެހެން ކަމުން ޕާޓީގެ މަގާމު ތަކަށް އާ ބަޔަކު އިންތިޚާބު ކުރެވިއްޖެ ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ޕާޓީގެ އިސް މަގާމު ތަކަށް މީހުން ހޮވީ އަސާސީ ގަވައިދުގައި އެކަން ކުރަން ބުނާ މީހުންނެވެ. އެއީ ޕާޓީގެ އާންމު މެންބަރުންނެވެ. އެ މަގާމު ތަކަށް މީހުން ހޮވީ އެ މެންބަރުންގެ ވޯޓުންނެވެ. އެހެން ކަމުން ޕާޓީގެ އިސް މަގާމު ތަކަށް މީހުން ހޮވާފައިވާ ކަމާ މެދު ސުވާލެއް ނު އުފެދެ އެވެ. އަދި ހަމަ އެހެންމެ އެ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ޢާންމު މެންބަރުން ނިންމާފައިވާ ކަމަކަށް ވާ އިރު، އެ ނިންމުމުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ. މެންބަރުން މާލެ އައިސް ކޮންގްރެސް ގައި ވޯޓު ދީގެން ހޮވި މަގާމު ތަކުގެ ސައްހަ ކަމާ މެދު މި ނަޒަރުން ސުވާލު އުފެއްދޭނީ، ކޮންގްރެސްގައި މަގާމު ތަކަށް މީހުން ހޮވުމަށް ވޯޓު ލުމުގެ ކަންކަން ގެންގޮސްފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް ވާ ނަމަ އެވެ. އެހެން ނޫން ނަމަ މެންބަރުންގެ އެ ނިންމުމުގައި ގާނޫނީ ބުރަދަނެއް ހުންނަން ޖެހޭނެ ކަމަށް ގާނޫނީ ގޮތުން ބަލާ އިރު ބުރަވާނެ ޖާގަ އެބަ އޮތެވެ. އެހެން ނޫން ނަމަ އާންމު މެންބަރުންގެ ހައްގު ތަކެއް ނިގުޅިގެން ދަނީ ކަމަށް މާނަ ކުރެވޭނެ ޖާގަ އެބަ އޮތެވެ.

މި ގޮތުން ބަލާ އިރު މެންބަރުންގެ އެ ނިންމުން ތަކަކީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އައި ނިންމުން ތަކެއް ކަމަށް ވާ ނަމަ، އެ ނިންމުންތައް ގަވައިދާ އެއް ގޮތަށް އިލެކްޝަނަށް ފޮނުވުމުގެ ޒިންމާ އަކީ އެ ކަމާ ހަވާލުވެ ތިބޭ ބައެއްގެ ޒިންމާ އެކެވެ. ގަވައިދުން އެކަން ނުކުރެވި ވާ ނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އެ ކަން ކުރުމުގައި އިހުމާލުވި ބައެކެވެ. އެއްވެސް ހާލެއްގައި މެންބަރުން އެ ނިންމި ނިންމުން ބާތިލު ވާން ޖެހޭނެ ޖާގައެއް ނެތެވެ. އަދި ހަމަ އެހެންމެ މި ވިސްނުމަށް ބުރަވާ އިރު މީގައި މި އުޅެނީ ގާނޫނީ މައްސަލަ އަކަށް ވުރެ ބޮޑަށް އިދާރީ މައްސަލަ އެކޭ ވެސް ބުނެވިދާނެ އެވެ. އެއީ މި ލިޔެކިޔުންތައް ފޮނުވުމަކީ އެ ކަމާ އިދާރީ ގޮތުން ހަވާލުވެ ތިބޭ ބައެއް ޒިންމާ އެއް ކަމަށް ވާނެތީ އެވެ. އެ ކަމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ އިދާރީ ގޮތުން މި ކަމަށް އިހުމާލުވާ ފަރާތަކުންނެވެ. ޕާޓީގެ އާންމު މެންބަރުން އެކަން ކުރުމަށް ހަވާލު ކޮށްފައިވާ ފަރާތުންނެވެ.

މެދު ތެރެއިން ވަރަށް އެހެން ކަހަލަ ވާހަކައެއް ވެސް ފާހަގަ ކޮށްލަން އެބަ ޖެހެ އެވެ. އެއީ ގަވައިދުގައިވާ ގޮތުގެ މަތިން ޑީއާރްޕީގެ އެންމެ ފަހުގެ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަނަށް ހުށަހަޅައި، ދަފުތަރުގައި ރަސްމީ ގޮތުން ނުހިމަނާ އިރު، އިލެކްޝަނުން އެ ޕާޓީގެ ރަސްމީ ސިޓީ ފަދަ ތަކެތި ފަހުގެ ކޮންގްރެސް އިން ހޮވައިފައި ތިބި މީހުންނަށް އެޑްރެސް ކުރުމެވެ. މީ ކޮން ގޮތަކުން އިލެކްޝަނަށް ކުރަން އެނގުނު ކަމެއްތޯ ސުވާލު އުފެދެ އެވެ. އިލެކްޝަނުން ރަސްމީ ގޮތުން ޕާޓީއެއްގެ ލީޑަޝިޕު ބަލައިގަންނަނީ ރަސްމީ ގޮތުން ހުށަހަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށަހަޅައި ދަފުތަރުގައި ހިމެނުމުން ކަމަށް ވާ ނަމަ، މި ކަމަކީ އިލެކްޝަން ކޮމިޝަނުގެ އިހުމާލުން ހިނގައިފައިވާ ކަމެއް ކަމަށް ބުނެވިދާނެ އެވެ.

ދެން އޮތީ ޕާޓީ ދެ ބަޔަށް ބެހި، ލީޑަރޝިޕު ރޫޅިފައިވާ އިރު އެއިން އުފެދޭ ސުވާލު ތަކެވެ. ޕާޓީގެ ޒައީމް މައުމޫނު ޢަބްދުލް ގައްޔޫމް ވިދާޅުވާ ގޮތުގައި އަސްލު ޑީއާރްޕީ އަކީ ޒެޑް ޑީއާރްޕީ އެވެ. މި ވިދާޅުވުމަށް ގާނޫނީ ގޮތުން ލިބޭ ބުރަދަނަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެ މަނިކުފާނު މާނަ އެ ކުރައްވަނީ ޕާޓީގެ އެންމެ ފަހުގެ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަނަށް ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އެއީ ބާތިލު އެއްޗަކަށް ވާނެ ކަމަށް މާނަ ކުރައްވާފައި ކަމަށް ވެސް ވެދާނެ އެވެ. އެ ގޮތަށް ކަންތައް ވެއްޖެ ނަމަ ޕާޓީގެ ލީޑަރަކަށް ވާނީ އެމަނިކުފާނެވެ. އަދި ޕާޓީގެ ލީޑާޝިޕުގައި ތިބޭނީ އެންމެ ފަހުގެ ކޮންގްރެސް ބޭއްވި އިރު ޕާޓީގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނެވެ. ނައިބު ލީޑަރަކަށް ވާނީ ހަމްދޫން ހަމީދާއި އަހުމަދު ތަސްމީނު ޢަލީ އެވެ. މި ކޮންގްރެސް ބޭއްވި އިރު އަނެއް ތިން ނައިބު ލީޑަރުން ކަމަށްވާ އަހުމަދު ސިޔާމް މުހައްމަދު، ގާސިމް އިބްރާހީމް އަދި ޑރ. ހަސަން ސަޢީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނާނީ ޢަބްދުﷲ މައުސޫމެވެ. މި ވިސްނުމަށް ގާނޫނީ ބުރަދަނެއް ލިބޭ ނަމަ ޒެޑް ޑިއާރްޕީ އަކީ އަސްލު ޑިއާރްޕީއަށް މިހާރު ވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ އެންމެ ފަހުގެ ކޮންގްރެސް ބޭއްވުމާ ހަމަޔަށް ޑީއާރްޕީގެ އިސް މަގާމު ތަކުގައި ތިބި ގިނަ މީހުން މިހާރު ތިބީ ޒައީމް މައުމޫނުގެ އަރިހުގައި ކަމަށް ވާތީ އެވެ. އެކަމަކު މީ ވެސް ހަމަ މި މައްސަލައިގެ އެއް ވިސްނުމެވެ. ގާނޫނީ ގޮތުން ބަލާ އިރު މި ވިސްނުމާ މެދު ވެސް ސުވާލު އުފައްދާނެ ޖާގަ ކުރިން މި ދެއްކި ވާހަކަ ތަކުން ލިބެ އެވެ. ޒެޑް ޑީއާރްޕީ އަކީ އަސްލު ޑީއާރްޕީ ކަމަށް ޒައީމް މައުމޫނު އެ ވިދާޅުވާ ވާހަކައިގައި ފޮރުވިފައިވާ އަނެއް މާނަ އަކީ ޕާޓީގެ ޢާންމު މެންބަރުންގެ ތާއީދު އޮތީ އެ ފެކްޝަނަށް ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ނުވަތަ ހަރަކާތުގެ ގޮތުން ބަލައި އަސްލު ޑީއާރްޕީގެ ގޮތުގައި ހަރަކާތްތެރި ވަނީ ޒެޑް ޑީއާރްޕީ ކަމަށް މާނަ ކުރައްވައި ވިދާޅުވާ ވާހަކަ ފުޅަކަށް ވެސް ވެދާނެ އެވެ.

އިސްވެ ދެންނެވި ނުކުތާތަކާ ތަފާތު ވިސްނުމެއް ވެސް މީގެ ތެރެއިން ނެރެވެން އެބައޮތެވެ. އެއީ ހަމަ އެކަނި މައްސަލަ ޖެހުނު ނުކުތާއާއި އޭގެ ޒާތަށް ބެލުމެވެ. މައްސަލަ ޖެހުނު ނުކުތާއަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 17 ވަނަ މާއްދާއާ އެއްގޮތަށް ޑީއާރުޕީ އިން އަމަލު ނުކޮށް އޮތް މައްސަލައެވެ. ކަމުގެ ޒާތަށް ބަލާއިރު މި މާއްދާއަށް އަމަލު ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޑީއާރުޕީ އުފުލަން ޖެހޭ ޒިންމާއަކީ މި މާއްދާގެ މަގުސަދާއި މަފުހޫމާ ގުޅޭގޮތުގެ މަތިން އުފުލަން ޖެހޭ ޒިންމާއަކަށް ވާން ޖެހޭނެ އެވެ. މި މާއްދާގެ މަގުސަދަކީ މާއްދާގައި ބުނާ މައުލޫމާތު އެންމެ ސައްހަކޮށް އިލެކްޝަންސް ކޮމިޝަނުގައި ހުރިކަން ކަށަވަރު ކުރުން ކަމަށް ވާނަމަ މި މަގުސަދު މިހާރުވެސް ވަނީ ހާސިލް ވެފައެވެ. އެއީ ޕާޓީގެ އާ ލީޑަރޝިޕާއި ކޮމިޝަނުން މުއާމަލާތު ކުރަމުން ގެންދިއުމެވެ. މިއީ އެމައުލޫމާތު ކޮމިޝަނަށް ކަށަވަރުވެ އެ މައުލޫމާތު ސައްހަކަމަށް ގަބޫލުކޮށް އެގޮތަށް ކަނޑައަޅައި އަމަލުކުރަމުން ގެންދާކަން ކަށަވަރުވާ އަމަލެކެވެ. މިކަން މިގޮތުގައި ތަކުރާރުކޮށް ހިނގަހިނގައި އޮއްވައި، 17 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑީއާރުޕީ އިން ކޮމިޝަނަށް އެ މައުލޫމާތު ނުދޭކަމަށް ބުނާނޭ ޖާގައެއް އިލެކްޝަންސް ކޮމިޝަނަކަށް ނުއޮންނާނެ އެވެ. މިކަން ވަނީ މިހެން ކަމަށް ވާނަމަ މި މައްސަލާގައި ގާނޫނީ ހުސްކަމެއް ނުވަތަ ފޫނުބެދޭ ނުކުތާއެއް ނުއޮންނާނެ އެވެ.

ދެން އޮތް ގޮތަކީ 17 ވަނަ މާއްދާގެ މަގުސަދު ހާސިލްވާ މިންވަރަށް ކޮމިޝަނުގައި އެ މައުލޫމާތު ހުރިކަން ކޮމިޝަނުގެ އަމަލުން ސާބިތުވާ ހިނދު، އެމައުލޫމާތު ލިބިފައި ނެތްކަމަށް ކޮމިޝަނުން ބުނާ ބުނުމެވެ. މިހާރު ކޮމިޝަނުގައި އެ މައުލޫމާތު ނެތް ނަމަ އެއީ އިދާރީ މައްސަލައަކަށް ވެސް ވެދާނެ އެވެ. އެއްގޮތަކީ އޮންނަންވީ ފައިލުގައި ޑޮކިއުމެންޓް ނެތުމެވެ. އަނެއް ގޮތަކީ ޑޮކިއުމެންޓް ގެއްލުމެވެ. އަނެއް ގޮތަކީ ކޮމިޝަނުގެ އާ ސެކްރެޓަރީ ޖެނެރަލް އަށް އަދި އެ ޑޮކިއުމެންޓް ފެނިވަޑައި ނުގެންނެވުމެވެ. އަނެއް ގޮތަކީ ޑީއާރުޕީގެ ސެކްރެޓޭރިއަޓުން އެ މައުލޫމާތު ނުފޮނުވުމެވެ.

ޑީއާރުޕީގެ ސެކްރެޓޭރިއަޓުން އެ މައުލޫމާތު ނުފޮނުވާ ނަމަ އެއީ ގާނޫނީ ކުށެއް ކަމަށް ނުބަލައި އިދާރީ ކުށެއް ކަމަށް ނިންމުމުގެ ބާރާއި އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.
މިކަމުގައި މުހިންމީ 17 ވަނަ މާއްދާއަށް އަމަލު ނުކޮށްފި މީހާއާ މެދު އަޅާނޭ ފިޔަވަޅެކެވެ. މިގޮތުން އަޅާނޭ ފިޔަވަޅެއް އެ ގަވާއިދުގައި ނުވަތަ އެހެން ގަވާއިދެއްގައި ނުވަތަ ގާނޫނެއްގައި ސީދާކޮށް ބުނެފައެއް ނެތެވެ. އެހެންކަމުން ދެންޖެހޭނީ ކޮންމެވެސް މާއްދާއަކަށް ފައްތާށެވެ.

އެ މައުލޫމާތު ގަސްތުގައި ނުފޮނުވިޔަސް އެއީ ޑީއާރުޕީގެ ލީޑަރާއި އިދާރީ މުވައްޒަފުންގެ މައްސަލައެކެވެ. އޭގެ އަދަބު އޮންނަން ޖެހޭނީ އެމީހުންނަށެވެ. އެފަދަ މަދު ބަޔަކު ކުރިކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން މުޅި ޕާޓީ ތަމްސީލު ކުރި ގައުމީ މަޖިލީހުގެ ނިންމުމުގެ ސައްހަކަން ކެނޑިގެނެއް ނުވާނެއެވެ. ޕާޓީގެ އާންމު މެންބަރުންގެ ނިންމުން ބާޠިލް ވެގެންނެއް ނުވާނެ އެވެ.

ރާއްޖޭގެ ސިޔާސީ ކޯޅުންތަކުގެ ފެޝަނަކީ މިބާވަތުގެ ކަންކަން ކޯޓުން ނިންމުމެވެ. ސިޔާސީ މީހުންގެ ގޮތްދޫނުކުރުމާއި ހަރުކަށިކަން ކުރިއަށް ނެރެފައިވާ ގޮތުގެ މާޒީއަށް ބަލާއިރު މި މައްސަލައިގެ ވެސް ފަހުބަސް އިއްވުމަށް ކޯޓަށް ދިއުމަކީ ދާދި ގާތް ކަމެކެވެ. އަދި ފުރަތަމަ މަރުހަލާގެ ކޯޓަކުން މިކަން ވަކިގޮތަކަށް ނިންމިއަސް އިސްތިއުނާފު ކުރުމަކީ ވެސް ވަރަށް ގާތްކަމެކެވެ.

މިކަންކަމަށް ބަލާއިރު އަސްލު ޑީއާރުޕީއާއި ސައްހަ ލީޑަރުންނަކީ ކޮބައިކަން އެނގެން އަދި އިންތިޒާރުގައި ތިބެން އެބަ ޖެހެއެވެ.