ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް މޮޅުވާ ލަނޑު ޖެހޭނެ ކަމަށް ރޮނާލްޑޯ ބުނި ކަމުގައި އެ ލަނޑު ޖެހި އެޑާ ބުނެފި އެވެ.

އަމިއްލަ ފަސްގަނޑުގައި ރޭ ކުޅެމުން ދިޔަ ފްރާންސް ބަލިކުރި ލަނޑު ޕޯޗުގަލްގެ އެޑާ ކާމިޔާބު ކޮށްފައި ވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތެރޭގަ އެވެ. އެޑާއަކީ ރޭ ކުޅުނު މެޗުގެ 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.

މެޗުގެ ކުރީކޮޅު ރޮނާލްޑޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ބޮޑުބައި ޕޯޗުގަލުން ފުރިހަމަކުރީ އޭނާއާ ނުލަ އެވެ.

"މޮޅުވާ ލަނޑު ޖަހާނީ އަހަރެން ކަމުގައި ރޮނާލްޑޯ ބުނި. އެކަމަކު އެ ލަނޑަކީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތާ އެކު ކާމިޔާބު ކުރެވުނު ލަނޑެއް. މެޗުގައި އަހަރެމެންނަށް ރަނގަޅު ކުޅުމެއް ދެއްކުނު. އަހަރެންނަށް ކުޅެން ފުރުސަތު ލިބުމުން އެ މުހިއްމު ވަގުތު އަންނާނެކަން އެނގުނު،" ފައިނަލުގައި ފްރާންސް ކޮޅަށް ލަނޑުޖެހި އެޑާ ބުންޏެވެ.

އެޑާ ބުނީ، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އަށް އޭނާގެ ފެންވަރު އެނގޭ ކަމަށާއި ކޯޗު އޭނާ އަށް އިތުބާރު ކުރާ ކަމަށެވެ.

ޕޯޗުގަލުން ރޭ ހޯދި ޔޫރޯގެ ތަށްޓަކީ އެ ޓީމުން ބޮޑު މުބާރާތެއްގައި ހޯދި ފުރަތަމަ ތަށްޓެވެ.