ޔޫރޯ 2016ގެ ފައިނަލްގައި ހިތްދަތިގޮތަކަށް 1-0ގެ ނަތީޖާއަކުން ފްރާންސް ބަލިވި ނަމަވެސް އެޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ، މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ ލަނޑުކާމިޔާބުކޮށް އެޑިޑާސް ގޯލްޑަން ގޯލްޑަން ބޫޓް ކާމިޔާބުކޮށްފައެވެ.

ގްރީޒްމަންގެ ފަހަތުން އެޑިޑާސް ސިލްވަރ ބޫޓް ލިބުނީ ޗެމްޕިއަން ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އަދި ބްރޯންޒް ބޫޓް ލިބިފައިވަނީ ގްރީޒްމަންގެ ޓީމްމޭޓް އޮލިވަ ޖިރޫއަށެވެ.

މުބާރާތުގައި ޖުމުލަ 6 ލަނޑު ކާމިޔާބުކުރި ގްރީޒްމަން އޭނާގެ އެކައުންޓް ހުޅުވާލީ، އަލްބޭނިޔާއާ ދެކޮޅަށް ފްރާންސްކުޅުނު މެޗުގައެވެ. އަދި ދެވަނަ ބުރުގައި ރިޕްބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި 2 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެތުލެޓިކޯ މެޑްރިޑްގެ ހުނަރުވެރި ފޯވާޑް އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ކުއާޓާ ފައިނަލްގައި އައިސްލެންޑު ކޮޅަށެވެ. އަދި އަނެއް ދެލަނޑު ޖެހީ ސެމީފައިނަލްގައި ޖަރުމަނު ކޮޅަށެވެ.

ޔޫރޯގެ އެއް މުބާރާތެއްގައި ގްރީޒްމަންއަށް ވުރެ ގިނައިން ލަނޑު ޖަހާފައި ވަނީ، ހަމައެކަނި މިޝޭލް ޕްލެޓިނީއެވެ. އެއީ 1884 ވަނައަހަރުގެ ޔޫރޯގައެވެ.

"މިވަގުތު އަހަރެން މިހިރީ އަހަރެންގެ ޓީމާ ދޭތެރޭ ވަރަށް ބޮޑަށް ދެރަވެފައި، ފަހުން އަހަރެން އަދި އުފާކުރާނެކަން ނޭނގެ،" އުމުރުން 25 އަހަރުގެ ފޯވާޑް ބުންޏެވެ.

"އަހަރެން ހަގީގަތުގަވެސް ބޭނުންވި މި ޓްރޮފީ ޓީމަށް ހޯދައިދޭން، އެކަމަކު އަހަންނަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނު. މިއީ އުފަލާއި ހިތްދަތިކަން އެކުގައި ލިބުނު ދަނޑިވަޅެއް. އަހަރެމެންނަށް އާދަޔާޚިލާފު އުފާވެރިވަގުތުކޮޅެއްގައި އުޅެވުމަށްފަހު ހަމަ އެހާ ދެރަގޮތަކަށް މިދިޔައީ. އަހަރެމެން މިކަމުން އިބްރަތް ލިބިގަންނަން ޖެހޭ،" ރޭގެ މެޗުގައި މޮޅުވާން ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށާއި އެކަމާ ދެރަވާން ނުޖެހޭކަން ފާހަކުރަމުން ގްރީޒްމަން ބުންޏެވެ.

މެޗުގެ 25 ވަނަ މިނިޓްގައި ލިބުނު އަނިޔާއަކާ ގުޅިގެން ވާދަވެރި ރޮނާލްޑޯ ދަނޑުން ބޭލިނަމަވެސް މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިން ލަނޑާއި ތިން އެސިސްޓާއެކު ވަނީ ސިލްވަރ ބޫޓު ލިބިފައެވެ.

ތިން ލަނޑު ދެ އެސިސްޓާއެކު އެޑިޑާސް ބްރޯންޒް ބޫޓު ލިބުނީ، އޮލިވާ ޖިރޫ އަށެވެ. ޑިމިޓްރީ ޕަޔެޓްވެސް ޖެހި ލަނޑާއި އެސިސްޓް ޖިރޫއާ ހަމަހަމަ ނަމަވެސް، އޭނާއަށް އެ މަގާމު ގެއްލުނީ، ޖިރޫއަށްވުރެ 50 މިނިޓް މަދުން ކުޅެވުމުންނެވެ.