11 Jul 2016, 10:04
ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯގެ ކާމިޔާބަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހޯދައިދިން ކާމިޔާބެއް ކަމަށް އެ ޓީމުގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.
ޔޫރޯގެ ފައިނަލުގައި އަމިއްލަ ގައުމުގައި ކުޅެމުން ދިޔަ ފްރާންސްގެ މައްޗަށް އިތުރު ވަގުތުގައި 1-0 ލަނޑުން ކުރި ހޯދައިގެން ޕޯޗުގަލުން ވަނީ ފުރަތަމަ ބޮޑު މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ފްރާންސްގެ ޕެރިހުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕޯޗުގަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑާ އެވެ. އެ މެޗުގެ ކުރީކޮޅުގައި ރޮނާލްޑޯ އަށް އަނިޔާވުމުން މެޗުގެ ބޮޑުބައި ޕޯޗުގަލުން ފުރިހަމަކުރީ އޭނާ ނުލަ އެވެ.
"އަހަރެމެންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނުލައި ކުޅެން ޖެހުމުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު. ރޮނާލްޑޯ އަކީ ކޮންމެ ގަޑިއަކު ވެސް ލަނޑު ޖެހޭނެ ފެންވަރު ހުރި ކުޅުންތެރިޔަކަށް ވުމުން އަހަރެމެންގެ ހުރިހާ ވެސް އުންމީދަކީ އެއީ. ރޮނާލްޑޯއާ ނުލައި ކުޅެން ޖެހުމުން އޭނާ އަށް ޓަކައި މޮޅުވުމަށް ޓީމުގެ އެހެން ކުޅުންތެރިން ކައިރިން އަހަރެން އެދުނިން،" ޕެޕޭ ބުންޏެވެ.
އޭނާ ބުނީ، ކޯޗުގެ އިރުޝާދުތައް ވަރަށް ރަނގަޅު ކަމަށާއި ބަދަލުތައް ގެނެސްފައި ވަނީ ވެސް އެންމެ ރަނގަޅު ވަގުތުތަކުގައި ކަމަށެވެ. އަދި ޕޯޗުގަލްގެ ފުޓްބޯޅަ ތާރީހުގެ ފޮތުގައި ރަނގަޅު ސަފްހާއެއް މިހާރު ލިޔެވިފައިވާ ކަމަށް ވެސް ޕެޕޭ ބުންޏެވެ.
ޔޫރޯގެ ފައިނަލުގައި ކުރިން ވެސް ޕޯޗުގަލް ވާދަކޮށްފައިވެ އެވެ. އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ކުޅުނު ފައިނަލަށް ޕޯޗުގަލް ދަތުރުކުރި ނަމަވެސް، ގްރީސް އަތުން އެ ފަހަރު 1-0 ލަނޑުން ވަނީ ބަލިވެފަ އެވެ.