11 Jul 2016, 02:40
ފްރާންސްގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު ގައި އެޓީމު ހިތްދަތި ގޮތަކަށް ބަލިކޮށް، ޕޯޗްގަލުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކާމިބުކޮށްފިއެވެ.
ފްރާންސްގެ ޕެރިހުގެ ސެއިންޓް-ޑެނިސްގެ ސްޓާޑޭ ޑެ ފްރާންސްގައި ކުޅުނު ޔޫރޯ 2016ގެ ފައިނަލް މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވެ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނިޓްގެ ތެރޭގައި ފްރާންސްގެ ގޯލް ހުޅުވާލައި ޕޯޗްގަލް މޮޅުވީ 1-0 ލަނޑުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު 108 ވަނަ މިނިޓްގައި ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑާއެވެ. ފްރާންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޑާ އުފެއްދި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ޕޯޗްގަލުން މި މުބާރާތް ކާމިޔާބުކުރި އިރު ތިން ފަހަރު ބެލަންޑޯ އެވޯޑް ހޯދާފައިވާ، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މެޗުގެ 25 ވަނަ މިނިޓްގައި ލިބުނު އަނިޔާއަކާ ގުޅިގެން ބެންޗުގައެވެ. އެހެން ނަމަވެސް ރޮނާލްޑޯއާ ނުލައި، ޕޯޗްގަލް ޓީމުން ވަނީ، ވަރުގަދައަށް ކުޅެމުން ދިޔަ ފްރާންސް ޓީމުގެ ކުރިމަތީގައި އިތުރު ހިތްވަރެއް ދައްކައި، ފްރާންސަށް އެޓީމުގެ ގޯލް ހުޅުވާލުމުގެ ފުރުސަތު ނުދީފައެވެ.
ޕޯޗުގަލް އެންމެ ފުރަތަމަ ޔޫރޯ އަކަށް ކޮލިފައިވެފައިވަނީ ފްރާންސްގައި 1984 ވަނަ އަހަރު ބޭއްވި ޔޫރޯއަށެވެ. ފްރާންސުން ޗެމްޕިއަންކަން ހޯދި އެ މުބާރާތުގެ ތިން ވަނަ ހޯދާފައިވަނީ ޕޯޗްގަލެވެ.
އެއަށްފަހު އައި ދެ ޔޫރޯއަށް ކޮލިފައިނުވެ ޕޯޗުގަލުން ދެން އެ މުބާރާތާ ކުރިމަތިލީ އިނގިރޭސިވިލާތުގައި 1996 ވަނަ އަހަރު ބޭއްވި ޔޫރޯގައެވެ. އެ ފަހަރު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ޕޯޗުގަލުން، ބެލްޖިއަމް އާއި ނެދަލެންޑްސްގައި 2000 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. އެއަށްފަހު ދެން ޕޯޗުގަލުން ކުރިމަތިލީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯއާއެވެ. އެ ފަހަރު ޕޯޗުގަލުން ފައިނަލާ ހަމައިން ބަލިވީ ގްރީސް އަތުންނެވެ.
ޔޫރޯ 2008ގެ ކުއާޓާއާ ހަމައަށް ޕޯޗުގަލް ދަތުރުކުރި އިރު، ޔޫރޯ 2012ގެ ސެމީއާ ހަމައަށް ވެސް އެޓީމު ވަނީ ދަތުރުކޮށްފައެވެ. އަދި ޔޫރޯ 2016ގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ފްރާންސް ބަލިކޮށް، ފުރަތަމަ ފަހަރަށް ޔޫރޯ އަދި ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ޕޯޗުގަލް މިވަނީ ހޯދައިފައެވެ.
ޕޯޗުގަލުން މިފަހަރުގެ ޔޫރޯ ކާމިޔާބުކުރި އިރު، މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގައުމީ ޓީމާއެކު ހޯދުނު ފުރަތަމަ ކާމިޔާބީއެވެ. މި މެޗަށް ނުކުތުމުގެ ކުރިން ރޮނާލްޑޯ ބުނެފައިވަނީ، ޕޯޗްގަލްގެ ސަޕޯޓަރުންނަށާއި، ޕޯޗްގަލް ރައްޔިތުންނަށާއި ޕޯޗްގަލް ޓީމަށާއި އަދި ހާއްސަކޮށް އޭނާއަށް މިފަހަރުގެ ޔޫރޯ ހައްގުކަމަށެވެ.
މިއީ ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލުކުރި ހަތަރު ވަނަ ފަހަރެވެ. އެއީ މުޅިންވެސް ސެމީ ފަައިނަލް މެޗުތަކެވެ. އޭގެތެރޭން ފްރާންސް ވަނީ ތިން ފަހަރު ޕޯޗްގަލްގެ މައްޗަށް ކުރިހޯދައިފައެވެ. އެއީ ޔޫރޯ 1984، ޔޫރޯ 2000، ވޯލްޑް ކަޕް 2006ކެވެ.
ޕޯޗްގަލް އަތުން މިރޭ ބަލިވި ނަމަވެސް، ފްރާންސުން ވަނީ މީގެ ކުރިން ދެ ފަހަރަކު ޔޫރޯ ކާމިޔާބުކޮށްފައެވެ. އެއީ ޔޫރޯ 1984 އަދި ޔޫރޯ 2000 އެވެ. އޭގެ ތެރެއިން ޔޫރޯ 1984 ކާމިޔާބުކުރީ އަމިއްލަ ގައުމުގައި ކުޅެގެންނެވެ.