11 Jul 2016, 09:32
ސަން ސިޔާމް އިރުފުށިން: މުހައްމަދު ސިމާއު
ދުނިޔޭގައި މަޝްހޫރު ތަރިންނާ އެކު ރާއްޖޭގެ މަޝްހޫރު ރިސޯޓް، ސަން ސިޔާމް އިރުފުށިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލް ކުލަގަދަ ރަސްމިއްޔާތަކާ އެކު ފަށައިފި އެވެ.
ރެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް "ފޮލޯ ދަ އީކުއޭޓާ"ގެ ނަމުގައި ސަން ސިޔާމް އިރުފުށީގައި ބާއްވާ އެ ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ސަން ސިޔާމް އިރުފުށީގެ ހިތްގައިމު އައިލެންޑާސް ގްރިލް ބީޗުގަ އެވެ.
ޚާއްސަ ރިސެޕްޝަނަކަށް ފަހު އެ ރަސްމިއްޔާތު ފައްޓަވައި ދެއްވީ ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަންގެ އިތުރުން ފެސްޓިވަލްގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ.
ސަން ސިޔާމް ގްރޫޕްގެ ޑިރެކްޓަރު އަދި ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު: ސަން ސިޔާމް އިރުފުށިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލް ފައްޓަވައި ދެއްވީ ފެސްޓިވަލްގެ ރައީސް، ސިޔާމް --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމަށް ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ އެ ފެސްޓިވަލަށް ދުނިޔޭގެ މަޝްހޫރު ޖަމިއްޔާތަކުންނާއި ފާހަގަކޮށްލެވޭ މަގްބޫލް ތަރިން ވަނީ ސަން ސިޔާމް އިރުފުއްޓަށް އައިސްފަ އެވެ.
އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ޓީވީ އަދި ރޭޑިއޯ ޕްރެޒެންޓަރު، ޝޯބިޒް އަދި ފެޝަން އެންޑް ބިއުޓީ އެޑްވައިޒާ އެއްގެ އިތުރުން މޮޑެލް، ލިޒީ ކަންޑީ އާއި ޗައިނާގެ އެކްޓުރެސް އަދި ލަވަކިޔުންތެރިއެއް ކަމަށްވާ ޔަންގް ޒިޔާންގެ އިތުރުން ޖަރުމަނުގެ ޓީވީ އަދި ވޮއިސް އެކްޓަރެއް ކަމަށްވާ ރައުލް ރިޗާ ވަނީ ބައިވެރިވެފަ އެވެ.
ދުނިޔޭގެ މަޝްހޫރު ތަރިންނާއި ފެސްޓިވަލް އިންތިޒާމުކުރުމުގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް އޯގަނައިޒަރުންގެ އިސްވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
މީގެ އިތުރުން އިރާގުގެ މަގްބޫލު ތަރިއެއް ކަމަށްވާ މިނާ ވަތަން ރަމަދާން ރަހީމް އާއި ރާއްޖޭގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އައިޝަތު ރިޝްމީ އަދި ޒުވާން ތަރި މުހައްމަދު ޖުމައްޔަލް ނިމާލްގެ އިތުރުން މަގްބޫލު ޑައިރެކްޓަރު އަބްދުލް ފައްތާހް އަބްދުލް ގައްޔޫމް ވަނީ ފެސްޓިވަލުގައި ބައިވެރިވާން ސަން ސިޔާމް އިރުފުއްޓަށް އައިސްފަ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލަށް ސަން ސިޔާމް އިރުފުއްޓަށް އައިސްފައިވާ ދިވެހި ފިލްމީ އިންޑަސްޓްރީގެ ބައެއް ތަރިން: "ފޮލޯ ދަ އީކުއޭޓާ"ގެ ނަމުގައި މިއަދު ފެށި އެ ފެސްޓިވަލުގައި ދުނިޔޭގެ މަޝްހޫރު ތަރިން ވެސް ބައިވެރިވޭ --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
ސަން އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވާ އެ ފެސްޓިވަލް ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ފެސްޓިވަލަށް ހުށަހެޅި ކުރު ފިލްމުތަކުން ނޮމިނޭޓްވި 45 ފިލްމުގެ ތެރެއިން 14 ފިލްމެއް ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
ރާއްޖެއާ އެކު ދުނިޔޭގެ 15 ގައުމަކުން ހުށަހެޅި 200 އަށް ވުރެ ގިނަ ފިލްމު ވީޑިއޯގެ ތެރެއިން ނޮމިނޭޓްވި ކުރު ފިލްމުތައް ކޮންމެ ރެއަކު ވެސް ދައްކަން ހަމަޖެހިފައިވާ އިރު، މުބާރާތުގެ ވަނަތައް ހޮވުން އޮންނަނީ މާދަމަަ އެވެ. އެވޯޑް ރަސްމިއްޔާތުގައި ޖުމްލަ 11 އެވޯޑެއް ދޭނެ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ސަން ސިޔާމް އިރުފުށި ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އެވްގީނިއާ ބޮޔަންކޮވާ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ސިމާއު
އެގޮތުން އެއް ވަނަ އަށް ހޮވޭ ފިލްމަކަށް ރާއްޖެއަށް ދެކޮޅު ޓިކެޓާއި ބޭނުން ލަގްޒަރީ ވިލާއެއްގައި އޯލް އިންކްލޫސިވް ޕެކޭޖެއްގެ ދަށުން ފަސް ރޭ ހުރުމުގެ ފުރުސަތު ލިބޭ 20،000 އެމެރިކާ ޑޮލަރުގެ އަގު ހުރި ޕެކޭޖެއް ވަނީ ހުށަހަޅައިފަ އެވެ.
ސަން ސިޔާމް އިރުފުށި ރިސޯޓުން ބުނީ، އެ ރިސޯޓުން ބާއްވާ ފިލްމު ފެސްޓިވަލުގައި އެންމެ އުފެއްދުންތެރި ފިލްމުތައް ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގައި ބައިވެރިކުރާނެ ކަމަށެވެ.