11 Jul 2016, 09:50
މާމިގިލިން: އަހުމަދު ސާއިލް އަލީ
މާމިގިލީ ބޭރުން މިއޮންނަނީ އަޖައިބެއްފަދަ ރީތި މަންޒިލެކެވެ. މާމިގިލީ ފަޅުން ނުކުމެގެން ދެ މިނެޓެއް ހާއިރުން އެ ސަރަހައްދަށް ދެވޭއިރު އެއީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. އެ ސަރަހައްދު މަޝްހޫރުވެފައި ވަނީ ފަސޭހަކަމާ އެކު "ވޭލް ޝާކް" ނުވަތަ ފެހުރިހި ފެންނަ ސަރަހައްދެއްގެ ގޮތުގަ އެވެ.
ވޭލް ޝާކް ނުވަތަ ފެހުރިއްސަކީ ރާއްޖޭގެ ބައެއް ކަނޑުތަކުގެ ހިސާބުން ފެންނަ މިޔަރުގެ ބާވަތެކެވެ. މިއީ ކަނޑުގައި އުޅޭ މިޔަރުގެ އެންމެ ބޮޑު ބާވަތެވެ. ފެހުރިއްސަކީ ބޮޑުމިނުގައި 12 މީޓަރަށް ބޮޑުވާ މާސިންގާ މަހެކެވެ. ނަމަވެސް މިއީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް ފޯރުވާ މިޔަރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިންސާނުންނާއި ބޮޑެތި އެހެން މަސްމަހާ ވެސް ނުހަނު ގައިގޯޅިކަމާ އެކު ކަނޑުގައި އުޅުމަށް ގަޔާވާ މަހެކެވެ. ހަމަލާއެއް ނުދޭނެ އެވެ.
މާމިގިލީ ބޭރުން އާންމުކޮށް ފެންނަނީ ހަ މީޓަރު ދިގު ފެހުރިއްސެވެ. އެގާރަ މީޓަރުގެ ފެހުރިހި ވެސް ފެނެ އެވެ. ބައެއް ފަހަރު އައިނު އައިނަށް ފެހުރިހި ފެންނަ އިރު ގިނަ ފަހަރަށް ފެންނަނީ އެކަނި އުޅެނިކޮށެވެ. އެ މަސް ބަލަން މާ އަޑިއަށް ފީނާކަށް ނުޖެހެ އެވެ. ދެ މީޓަރު ނުވަތަ ތިން މީޓަރެއްހާ އަޑިން އެމިޔަރު ފެނެ އެވެ.

ފީނުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ޑައިވިން މާސްޓަރެއް ކަމަށްވާ މުހައްމަދު އިބްރާހިމް ބުނާ ގޮތުގައި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުން ވެސް ފެހުރިހި ފެނުނު ނަމަވެސް މާމިގިލި ސަރަހައްދާއި އެެހެން ސަރަހައްދުތަކާ ތަފާތެވެ. އެންމެ ބޮޑު ތަފާތެއް ކަމަށް އޭނާ ފާހަގަކުރަނީ އެހެން ސަރަހައްދުތަކުގައި އަހަރުގެ ވަކި ދުވަސްވަރެއްގައި ފެންނަ އެ މަސް މާމިގިލި ސަރަހައްދުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެނުމެވެ. ހުރިހާ ޑައިވަރުން ކަހަލަ ގޮތަކަށް އެކަމަށް އެއްބަސްވެ އެވެ.
ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް އަންނަނީ ފެހުރިހި ބަލާލުމަށް މާމިގިއްޔަށް އަންނަމުންނެވެ. މާމިގިއްޔަށް އައިސް މިރަށުގެ ޑައިވަރުންނާ އެކު ފީނައި ފެހުރިއްސާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވަރަށް ފަސޭހައިން ހަމަޖެހިގެންދެ އެވެ. މިއީ ނުރައްކާތެރިކަމެއް ނެތް ހިތްގައިމު ކަމެކެވެ. ފެހުރިއްސަކީ އެއާއި ކިތަންމެ ގަޔާވެގެން އުޅުނު ނަމަވެސް ހަމަލާއެއް ދޭ އެއްޗެއްނޫނެވެ. އެހެންކަމުން އެއާ އެކު ފީނާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ފޫހިވާނެ ކަމެއް ނޫނެވެ.

ރިސޯޓް ދާއިރާގެ މޫދު ކުޅިވަރުގައި ހަރަކާތްތެރިވާ މުހައްމަދު ހުޝާމް މައުލޫމާތު ދޭ ގޮތުގައި އެރަށަށް ގޮސް ފެހުރިހި ބަލަން ބޭނުންވާ ފަރާތްތަކަށް އެރަށުން ގައިޑުން ހަމަޖައްސައިދެ އެވެ. ކޮންމެ އަށް މީހަކަށް ގައިޑެއް ސަލާމަތީ ކަންކަން ބަލަން ތިބެ އެވެ. ޓޫރިސްޓެއް ނަމަ ބޮލަކަށް 40 ޑޮލަރު ނަގާއިރު ދިވެހިންގެ ޓީމެއް ނަމަ 1،500 ރުފިޔާ އަށް އެޑައިވިންގެ ކަންކަން ހަމަޖައްސައިދެ އެވެ.
މިއުފާވެރި ތަރުރިބާ ކޮށްލުމަށް ވެސް ފަސޭހައެވެ. މާމިގިއްޔަށް ބަލާއިރު މިރަށަށް އައުމަށް ފަސޭހަވާ ފަދައިން މިރަށުގެ ގެސްޓްހައުސްތަކުގެ އަގުތައް ވެސް ހެވެ އެވެ. އާންމުކޮށް ރާއްޖޭގެ ގެސްޓްހައުސްތަކުގެ ރޭޓް 75 ޑޮލަރާއި 80 ޑޮލަރާއި ދޭތެރޭ އުޅޭއިރު މިރަށުން 65 ޑޮލަރަށް ދުވާލަކަށް ޓޫރިސްޓަކަށް ރޫމް ލިބެ އެވެ. ދިވެހިންނަށް 45 ޑޮލަރަށް ލިބެ އެވެ. ފުލައިމީ ފުލައިޓުން 95 ޑޮލަރަށް ކޮޅަކަށް ޓޫރިސްޓަކަށް ނަގާއިރު ދިވެއްސަކަށް ނަގަނީ 600 ރުފޔާ އެވެ. ފެރީގައި 35 ޑޮލަރަށް އާދެވޭ އިރު ލޯންޗުގައި 65 ޑޮލަރަށް އާދެވެ އެވެ.
ފެހުރިއްސަކީ މާމިގިލީގެ ފަހުރަކަށްވެފައިވާއިރު އެރަށު ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ފެހުރިހި ބަލާލުމަށް އެ ރަށަށް އައުމަށް އެރަށުން މަރުހަބާ ކިޔާ ކަމަށެވެ. މިއީ މާމިގިލީގެ އިތުރުން ރާއްޖެއަށް ވެސް ލިބިފައިވާ ބޮޑު ނަސީބަކަށްވާއިރު ކައުންސިލްގެ އެދުމަކީ އެ ސަރަހައްދު ރަނގަޅު އުސޫލެއްގެ މަތިން ހިމާޔަތްކޮށްދިނުމަށެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުން އެތަން މޮނީޓާ ކުރުމަށް ޖުނައިދު އެދިލައްވަ އެވެ.
ކޮންމެ އަކަސް ފެހުރިހި ވެފައި މި ވަނީ އެ ރަށުގެ ފަހުރަކަށެވެ. މި ރަށު ރައްޔިތުން އެދެނީ ގިނަ ބަޔަކު މިރަށަށް އައިސް މިކަން ތަޖުރިބާކޮށްލުމަށެވެ. ހަމަގައިމު ވެސް މިއީ ފޫހިކަމެއް ނެތް ކަމެކެވެ.