ޔޫރޯގައި ކުޅުނު 50 މެޗަށްފަހު، ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުންދިޔަ ފައިނަލް މެޗު ފެށެން ކުޑަތަންވެއްޖެ އެވެ. ޔޫރޯގައި ވާދަކުރާ ފްރާންސާއި ޕޯޗުގަލްގެ އެންމެ މުހިއްމު ދެ ތަރިންނަކީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި އިރު، އެ ދެ ޓީމުގެ ވެސް އެންމެ މުހިއްމު ދެ ތަރިންނެވެ.

ޔޫރޯގެ ފައިނަލު ވެސް ވެގެންދާނީ ފްރާންސާއި ޕޯޗުގަލްގެ ކުރިމަތިލުމަކަށްވުރެ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސް ތަރި އެންޓޮއިން ގްރީޒްމަންގެ ކުރިމަތިލުމަކަށެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުރި ހޯދި ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ ފަރާތުން އެ މެޗުގައި މާ ރަނގަޅު ކުޅުމެއް ފެނިގެންނުދިޔަ ކަމުގައިވިޔަސް، ރެއާލް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އެ ޕެނަލްޓީއާއެކު ރެއާލްއިން ޗެމްޕިއަންސް ލީގުގެ 11 ވަނަ ތަށި ހޯދި އިރު، މެޗުގެ ތެރެއިން އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ގްރީޒްމަން އަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ކުޅުންތެރިން ކުރިމަތިލީތާ ހަ ހަފްތާ ފަހުން ޔޫރޯގެ ފައިނަލުގައި އަނެއްކާވެސް ރޮނާލްޑޯ އާއި ގްރީޒްމަންގެ ކުރިމަތިލުން މިރޭ ފެނިގެންދާނެ އެވެ.

މިރޭގެ މެޗުގައި ދަނޑުމަތިން 20 ކުޅުންތެރިންނާއެކު ބެންޗުގައި ޖުމްލަ 24 ކުޅުންތެރިން ހިމެނޭނެ އެވެ. ނަމަވެސް މިރޭގެ މެޗުގެ އެންމެ މުހިއްމު ކަމަކަށް ވެގެންދާނީ ޓީމަށް ބޭނުންވާ ހާއްސަ ވަގުތު ގެނެސްދޭނެ ކުޅުންތެރިޔަކީ ރޮނާލްޑޯތޯ ނުވަތަ ގްރީޒްމަންތޯ ބެލުމެވެ.

ގްރީޒްމަން އަށް މިރޭގެ މެޗަކީ ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެ އެވެ. އެއީ ހަމައެކަނި ޔޫރޯ ކާމިޔާބު ކުރުމެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި ލިއޮނެލް މެސީއާ އެއް ހަމައަކަށް އެރުމެވެ.

ފްރާންސްގެ ގްރީޒްމަން ވަނީ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މިރޭގެ ފައިނަލް މެޗުން ބަލިވެއްޖެ ނަމަ، އޭނާ އެ ދެއްކި ކުޅުމުގެ ބަދަލުގައި ދާނީ އެއްވެސް އެއްޗެއް ނުލިބި އެވެ. މެޗުން މޮޅުވެ، މުބާރާތް ކާމިޔާބުކޮށްފިނަމަ އޭނާގެ ނަން ތާރީހުގައި ވެސް ލިޔެވިގެންދާނެ އެވެ،

ފާއިތުވެދިޔަ ދެ ސީޒަނުގައި ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް މޮޅު ކުޅުމެއް ދައްކައި، އެ ކްލަބަށް 57 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ރެއާލް އާއި ބާސެލޯނާއާ އެންމެ ވާދަވެރި ކުޅުމެއް އެތުލެޓިކޯ އިން ދެއްކި އިރު، އެ ޓީމުގެ ހުންގާނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ގްރީޒްމަން އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމަށް އެތުލެޓިކޯ އިން ކުރި ދަތުރުގެ ތެރެއިން ކުއާޓާ ފައިނަލުގައި ބާސާއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގު މެޗުގައި ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި ސެމީ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް ކޮޅަށް ޖެހި ލަނޑަކީ ވެސް ގްރީޒްމަންގެ ފާހަގަކޮށްލެވޭ ލަނޑުތަކުގެ ތެރެއިން ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އެތުލެޓިކޯގެ ޕެނަލްޓީއެއް ގްރީޒްމަން އަތުން ނާކާމިޔާބުވެ، އޭނާ ކުރިމަތިލީ އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގެ ފައިނަލާ ހަމައަށް ދިޔަ އިރު މުބާރާތުގައި ހަ ލަނޑު އޭނާގެ ފަރާތުން ފެނިގެންދިޔަ އެވެ. މިހާތަނަށް މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްގެން ރަން ބޫޓު ހޯދުމާ އެންމެ ގާތުގައި އުޅެނީ ވެސް ގްރީޒްމަން އެވެ. އޭނާ ވަނީ އެންމެ ކައިރިން ވާދަކުރާ ކުޅުންތެރިންނަށްވުރެ، ދެ ގުނަ އިތުރަށް މުބާރާތުގައި ލަނޑު ޖަހައިފަ އެވެ.

މުބާރާތުގައި ކުރިއަށްދާން ފްރާންސަށް ބޭނުންވީ ބަޠަލެކެވެ. އެ ބަޠަލަކީ ގްރީޒްމަން އެވެ. ފްރާންސުން ކުރިމަތިލާން ޖެހުނު ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން މާޔޫސްކަން ލިބިފައިވާ ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ގެނެސްދިން ކުޅުންތެރިޔަކީ ވެސް ގްރީޒްމަން އެވެ.

ރަން ބޫޓާއި ފްރާންސާއެކު ޔޫރޯ ކާމިޔާބުކޮށްގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމާ ގާތަށް ވެސް ގްރީޒްމަން ޖެހިލާނެ އެވެ. ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008 އިން ފެށިގެން މުޅިން ވެސް ހޯދަމުންދަނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް މުބާރާތް ކާމިޔާބުކޮށްލައިގެން އެކަން ގްރީޒްމަން އަށް މި ފަހަރު ބަދަލުކޮށްލެވިދާނެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ގްރީޒްމަން އުޅޭއިރު، އެކަމަށް އޮތް ހަމައެކަނި ހުރަހަކީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އެވެ. ޔޫރޯގެ ތަށި ޕޯޗުގަލުން ހޯދައިފިނަމަ، އެއް އަހަރެއްގައި ކްލަބަށާއި ގައުމަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދާނެ އެވެ. އަދި އޭރުން އަނެއްކާ ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ އަށް ލިބުމާ ވަރަށް ގާތަށް ޖެހިލާނެ އެވެ.

ޔޫރޯގައި ރޮނާލްޑޯ އަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ފަހަރުގައި ޕޯޗުގަލްއާއެކު އެ ކުޅުން އޭނާ އަށް ނުދެއްކެނީ ކަމުގައި ވެސް ވެދާނެ އެވެ. އެކަމަކު ޕޯޗުގަލްއާއެކު ފައިނަލާ ހަމައަށް އޭނާ އެވަނީ ދަތުރުކޮށްފަ އެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލުން ކުޅުނު ތިން މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. ދެވަނަ ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިތުރު ވަގުތު ކުޅެގެން މޮޅުވި އިރު، ކުއާޓާ ފައިނަލުގައި ޕޮލެންޑް އަތުން ޕޯޗުގަލް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕޯޗުގަލަށް މުބާރާތުގައި 90 މިނެޓް ތެރޭގައި ނަތީޖާ ނެރެވުނީ ސެމީ ފައިނަލުގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. މުބާރާތުގައި ރޮނާލްޑޯ ފާހަގަކޮށްލެވުނީ ވެސް އެ މެޗުގައެވެ. ބޮޑު މުބާރާތެއްގެ ސެމީން އަލަށް ވާދަކުރި ވޭލްސް ކަޓުވާލި އިރު، ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރޮނާލްޑޯ އެވެ. އަދި ފަހު ލަނޑު ރޮނާލްޑޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ނާނި އެވެ.

ޕޯޗުގަލަށް މުބާރާތެއް ކާމިޔާބުކޮށްދީގެން ރޮނާލްޑޯގެ ވާދަވެރި މެސީ އަށް ނުވެފައިވާ ކަންތައް އޭނާ އަށް ކޮށްދެވޭނެ އެވެ. މެސީ އަށް ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާ އިރު، ރޮނާލްޑޯ އަށް ވެސް ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މިރޭ ކުޅޭ ޔޫރޯގެ ފައިނަލު މެޗުން މޮޅުވެގެން ރޮނާލްޑޯ އަށް އެކަން ކުރެވެން އެބަ އޮތެވެ. ހަމަގައިމު ވެސް ރޮނާލްޑޯ އާއި ޕޯޗުގަލުން ޔޫރޯ 2004ގެ ފައިނަލުގައި ލިބުނު ފަދަ ނާކާމިޔާބީއަކާ ކުރިމަތިލާކަށް ބޭނުމެއް ނުވާނެ އެވެ. އެ ފަހަރު އަމިއްލަ ގައުމުގައި ގްރީސްއާ ދެކޮޅަށް ޕޯޗުގަލް އަށް ނާކާޔާބު ލިބުނު އިރު، މި ފަހަރު އަމިއްލަ ގައުމުގައި ކުޅެމުންދަނީ ފްރާންސް އެވެ.

ދެން އޮތީ މިރޭގެ މެޗުން ވާނެ ގޮތެއް ބެލުމެވެ. މެޗުގައި ވިދާލާނެ ކުޅުންތެރިޔަކީ ރޮނާލްޑޯތޯ ނުވަތަ ގްރީޒްމަންތޯ ބެލުމެވެ. ތަށި އުފުލައިލާނީ ފްރާންސްތޯ ނުވަތަ ޕޯޗުގަލްތޯ ބެލުމެވެ.