10 Jul 2016, 22:30
އިންޑިއާގެ ދީނީ އިލްމުވެރިޔާ ޑރ ޒާކިރު ނައިކުގެ "ޕީސް ޓީވީ" ބަންގްލަދޭޝްގައި ދެއްކުން މަނާކޮށްފި އެވެ.
ޕީސް ޓީވީ ދެއްކުން މަނާކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބަންގްލަދޭޝްގެ ޑާކާގެ ކެފޭއަކަށް ބަޔަކު ވަދެ، 20 މީހަކު މަރާލި ހާދިސާއަށް ހިންގި ދެމީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ ޒާކިރު ނައިކުގެ ދަރުސްތަކުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ބަންގްލަދޭޝްގައި ޕީސް ޓީވީ ދެއްކުން މަނާކުރަން ނިންމީ މިއަދު ބޭއްވި، ކެބިނެޓް ކޮމިޓީ އޮން ލޯ އެންޑް އޯޑަރ ގެ ހާއްސަ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ޗެއާ ކަން ކުރެއްވީ އިންޑަސްޓްރީ މިނިސްޓަރު އާމިރު ހުސައިން އަމޫ އެވެ.
ބަންގްލަދޭޝްގެ އިިސް ވަޒީރުންނާއި ސެކިއުރިޓީ އޮފިސަރުން ބައިވެރިވި އެ ބައްދަލުވުމުގައި ވަނީ ހުކުރު ހުތުބާތައް ވެސް ބެލުމަށް ނިންމައިފަ އެވެ. އެއީ ހުތުބާތަކުގައި އެއްވެސް ވަރަކަށް ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަހަލަ ވާހަތަކެއް ހިމެނޭތޯ ބެލުމަށެވެ.
ޒާކިރު ނައިކްގެ ޕީސް ޓީވީއަކީ ދުބާއީން ބްރޯޑްކާސްޓް ކުރާ ޓީވީ ޗެނަލެކެވެ. ނަމަވެސް މި ޗެނަލް އިންޑިއާގައި ދެއްކުން ވަނީ މަނާ ކޮށްފަ އެވެ. ބަންގްލަދޭޝްގައި އެ ޗެނަލް ދެއްކުން މަނާ ކޮށްފައި މި ވަނީ ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.
ޒާކިރު ނައިކާއި ގުޅުވައިގެން ދެކެވޭ ވާހަތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ. ޒާކިރު ނައިކު ވިދާޅުވީ ޓެރަރިޒަމާއި އަނިޔާވެރިކަމަށް އޭނާ ހިތްވަރު ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ހިތްވަރު ދެނީ ދީނީ ކަންކަމަށް ކަމަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް ހިތްވަރު ލިބުމަކީ ހައިރާން ވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ.