10 Jul 2016, 19:07
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން މާދަމާ ރޭ ބާއްވަން ނިންމާފައިވާ ހިނގާލުމަށް ފުރުސަތު ނުދޭން އުޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި ކުރިން ރާވާފައިވާ ގޮތަށް އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނެފައި ވަނީ މަގުމަތީގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ފުލުހުން ނިންމާފައިވާ ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށެވެ.
އަޅުގަނޑުމެންނަށް މި ފެންނަނީ ފުލުހުންގެ ވެރިން، ޣައިރު ޤާނޫނީ އަމުރެއް ފުލުހުންގެ މުއައްސަސާގެ ތެރެއިން ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު،ރޮޒައިނާ އާދަމް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު
ެއެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ، މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމަކީ މަނާ ކަމެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއްވެ އުޅުން ހުއްޓުވަން ބުނެފައިވާ އެއްވެސް ގާނޫނެއް ނެތް ކަމަށެވެ.
"ފުލުހުންނަކަށް އެއްވުމެއް ނުފެށެނީސް އެއީ ޣައިރު ގާނޫނީ އެއްވުމެއްކަން، ނުވަތަ ވަކި ބަޔަކަށް އެއްވުމުގެ ސަބަބުން އުނދަގޫ ވާނެ ކަމެއްކަން ފުލުހުންނަށް ނިންމާކަށް ނޭނގޭނެ،" މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އަހަރީ ދުވަހުގެ ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ހިނގާލުން ކުރިއަށް ގެންދަން އެ ޕާޓީ އިން ވަނީ ނިންމާފައި -- ފޮޓޯ: ޓުވިޓާ
ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރުމަތިވާނެތީ މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމަކީ މަނާކަމެއް ކަމަށާއި އެ ފުރުސަތު އެމްޑީޕީއަށް ވެސް ނުދެވޭނެ ކަމަށް ފުލުހުން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ނިންމުން ފުލުހުން ވަނީ އެމްޑީޕީއާ ވެސް ހިއްސާކޮށްފަ އެވެ. އަދި ފުލުހުން މިއަދު ވެސް ވަނީ އެ ޕާޓީއާ ބައްދަލު ކޮށްފަ އެވެ. އަދި ހިނގާލުމަށް ފުރުސަތު ނުދެވޭނެ ވާހަކަ ތަކުރާރުކޮށް ހިއްސާކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ދިރާގު ރޯޑްރޭހެއް ބާއްވަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ރޯޑްރޭސް ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާތީ އެކަމާ ސުވާލު ކުރި ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ނުކުންނަނީ އެއްގޮތަކަށް ވެސް މުޒާހިރާ އަކަށް ނޫން. އަޅުގަނޑުމެން މި ނުކުންނަނީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޅުގަނޑުމެން އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް،" އޭނާ ވިދާޅުވި އެވެ.
މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގުން މަނާކޮށްފައި ވަނީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ހައްގުތައް އޭގެ ސަބަބުން ގެއްލިގެންދާތީ ކަމަށް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ފުލުހުންގެ ވެރިން، ޣައިރު ޤާނޫނީ އަމުރެއް ފުލުހުންގެ މުއައްސަސާގެ ތެރެއިން ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު. އަދި އެ ޣައިރު ޤާނޫނީ އަމުރު އަޅުގަނޑުމެންގެ މައްޗަށް ކޮށްގެން އަޅުގަނޑުމެން ލައްވައި އެކަންކަމުގައި ބައިވެރިވުމަށް މަޖުބޫރު ކުރުވާ މަންޒަރު،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީ އިން ބުނީ ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެ ޕާޓީ އިން ރާވާފައި ނުވާ ކަމަށާއި، ނުވެސް ކުރާނެ ކަމަށެވެ. ނަމަވެސް ޤާނޫނުގެ ތެރެއިން ލިބޭ ހުރިހާ ހައްގެއް ފުރިހަމައަށް ބޭނުންކުރާނެ ކަަމަށް ވެސް އެ ޕާޓީ އިން ބުނެ އެވެ.
"އަޅުގަނޑުމެންގެ ހިނގާލުން ޤާނޫނީ އިމުގެ ތެރެއިން ގާނޫނުން ލިބިދީފައިވާ ހައްގުތައް ބޭނުންކޮށްގެން ހިނގާލުން ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދަން ރާވާފައި ވަނީ މާދަމާ ރޭ 9:00 އިން އެމްޑިޕީ ހަރުގެ ކުރިމަތިން ފެށިގެންނެވެ. ހިނގާލުން ކުރިއަށްދާ އިރު މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.