10 Jul 2016, 17:44
އިންޑިއަން ގްރޭންޑް ޕްރީ ދުވުމުގެ މުބާރާތުގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ރަންމެޑަލް ހޯދައިފި އެވެ.
އިންޑިޔާގައި ކުރިއަށްދާ އެންމެ ވަރުގަދު އެތުލެޓިކް މުބާރާތުގައި އެ ގައުމުގެ އިތުރުން ރާއްޖެއާއި ސްރީލަންކާގެ ދުވުންތެރިން ވެސް ވަނީ ބައިވެރިވެފައެއެވެ. އެ މުބާރާތުގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ އިންޑިއާގެ ދެ އެތުލީޓުންނާ ވާދަކޮށް 10.37 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ސާއިދު ހަދާފައިވާ ގައުމީ ރެކޯޑަށްވުރެ ތިން ސްކުންތު ލަސް ވަގުތެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް މިއަދު 'ސަން' އަށް ވިދާޅުވީ އިންޑިއާގައި ބާއްވާ އެންމެ ވަރުގަދު އެތުލެޓިކްސް މުބާރާތުގެ އިވެންޓަކުން ސާއިދު އަށް ރަން މެޑަލް އެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އޭނާ އަންނަނީ ސަރަހައްދުގު އެންމެ ބާރު ދުވުންތެރިންނާ ވާދަކުރަމުން ކަމަށެވެ.
އަންނަ މަހު 5 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގެ ރިއޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ދެ ދުވުންތެރިންގެ ތެރޭގައި ހިމެނޭ ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން ދުވުންތެރިޔެކެވެ. އަދި އޭނާ ވަނީ މި އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިފައެވެ.
އިންޑިއާގެ ގްރޭންޑް ޕްރީ ދުވުމުގައި ސާއިދު ވާދަކުރަނީ ވެސް އޮލިމްޕިކްސް ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން އިތުރު ތަމްރީންތައް ހޯދުމަށެވެ.