ބޮލީވުޑުގެ ތަރި އަދި ކުޅަދާނަ ނެށުންތެރިޔާ މަލައިކާ އަރޯރާ ޚާން ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މަލައިކާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އެކުވެރިއެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. ރާއްޖެ އައިސް މަލައިކާ ހުރީ ފޯ ސީޒަންސް ކުޑަ ހުރާގަ އެވެ.

ރާއްޖެ އައިސް މަލައިކާ ވަނީ ތިން ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. ރިސޯޓުގެ ނަން ފެންނަ ގޮތަށް ޕޯސްޓު ކުރި ފޮޓޯ އާއެކު ލިޔެފައި ވަނީ "ޕެރަޑައިސް" ކަމަށެވެ.

އަދި މޫދަށް ފައި ލައިގެން އިނދެ ނަގާފައިވާ ފޮޓޯ އާއެކު ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައިވެ އެވެ.

މަލައިކާ ރާއްޖެ އައިސްފައި ވަނީ "އިންޑިއާސް ގޮޓް ޓެލެންޓު" ޝޯވ ނިންމާލުމަށްފަހު އެވެ. އޭނާ އަކީ އެ ޝޯވގެ ފަނޑިޔާރެކެވެ.

މަލައިކާ އިންޑިއާސް ގޮޓް ޓެލެންޓްގެ ސެޓުގައި: ޝޯވ ނިންމާލުމަށް ފަހު މިހާރު ހުރީ ޗުއްޓީއަކަށް ރާއްޖެ އައިސްފައި --

ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ މަލައިކާ އެންމެ ފާހަގަކޮށްލެވެނީ އޭނާގެ ނެށުމުގެ ހުނަރަށެވެ. މަލައިކާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "މުންނީ ބަދުނާމް ހުއީ" އަދި "ޗައްޔަ ޗައްޔާ" ހިމެނެ އެވެ.

މަލައިކާ ވަނީ ކެމެރާގެ ފުރަގަހުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކާމިޔާބު ފިލްމު "ދަބާންގް" އަދި "ދަބާންގް 2" ފާހަގަކޮށްލެވެ އެވެ.

މަލައިކާ އަރޯރާ ޚާން --

އަދި "ނަޗް ބަލިޔޭ"، "ޒަރަ ނަޗްކެ ދިކާ"، "ޖަލަކް ދިކްލާޖާ" ފަދަ ޑާންސް ޝޯވތަކުގައި ފަނޑިޔާރެއްގެ ގޮތުން ވަނީ ބައިވެރިވެފަ އެވެ.