10 Jul 2016, 16:50
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީޕީއެމް މަޖިލިސް މެމްބަރު ފާރިސް މައުމޫނުގެ ސުލޫކީ މައްސަލައެއް ޕީޕީއެމް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓެރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވެއްޖެ އެވެ.
އަލީމް އެގޮތަށް ވިދާޅުވެފައި ވަނީ ފާރިސްގެ ސުލޫކީ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ބަލައި، ޕީޖީ ގްރޫޕުގެ ވިޕްލައިނާ ހިލާފުވި މައްސަލާގައި ފާރިސް ޕީޕީއެމުން ވަކިކުރަން ނިންމާފައިވާކަން އެ ކޮމިޓީން އިއުލާނުކޮށްފައި ވަނިކޮށެވެ. އަލީމް ވިދާޅުވީ ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ގަވާއިދުގެ ޗަޕްޓަރު އެކެއްގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ސުލޫކީ މައްސަލަ ހުށަހަޅަން ޖެހޭނީ ޕާޓީގެ އޮފީހަށް ކަމަށެވެ.
މިހާތަނަށް ފާރިސް މައުމޫނުގެ ސުލޫކީ އެއްވެސް މައްސަލައެއް ޕާޓީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އަލީމް ވިދާޅުވި އެވެ.
ޕީޕީއެމުން އެގޮތަށް ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައެއް ބަލާކަމުގެ މައުލޫމާތު ޕާޓީގެ އެއްވެސް ގުނަވަނަކުން ޕާޓީގެ އޮފީހަށް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް އަންގަވައިދެއްވުމަށް އެދި ފާރިސް މިއަދު ޕީޕީއެމްއަށް ފޮނުވި ސިޓީއާ ގުޅުގެން ޕާޓީ އޮފީހުން ފޮނުވި ޖަވާބުގަ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހުމާން ވިދާޅުވީ "ހަގީގަތުގައި ވެސް ފާރިސްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ" އޭނާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ އެ ކޮމެޓީ އަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއަށް ފަހު ޕީޕީއެމްގެ ހުރިހާ ވައިބާ ގްރޫޕްތަކަކުން ފާރިސް ވަނީ ވަކިކޮށްފަ އެވެ.