10 Jul 2016, 16:12
އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ހުރަސްއަޅާ ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހިންގާ އެކިއެކި ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅާ ކަމަށެވެ.
"ފުލުހުންނަށް ގޮވާލަން ބޭނުން މީގެފަހުން އަޅުގަނޑުމެންގެ އެކި ހަރަކާތްތަކަށް ހުރަސްއަޅާ ފަރާތްތައް، އެއީ ފުލުހުން ކަމުގައި ވިޔަސް އެ ކޮމާންޑުދޭ ފަރާތުން ފެށިގެން ވަކިވަކި ފުލުހުން ވެސް ހިމެނޭގޮތަށް މިސާލަކަށް ޕެޕަސްޕްރޭ ޖަހާ ފަރާތެއް ވިޔަސް މީގެފަހުން އަޅުގަނޑުމެންދާނީ މި ކޮމިޝަން ތަކަށް ހުށަހަޅަމުން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ކުރަމުންގެންދާ ގަވާއިދާ ޚިލާފުކަންތައްތައް އެ ދެ ކޮމިޝަނާ މިއަދު ހިއްސާކޮށްފައިވާނެ ކަމަށެވެ.
"ކަނޑައެޅިގެން ފުލުހުންގެ ގަވާއިދާ ޚިލާފަށް ޕެޕަސްޕްރޭ ޔޫޒްކުރާ މައްސަލަ ވެސް އަޅުގަނޑުމެން ފާހަގަކުރިން. ނޫސްވެރިން ވެސް ނޫސްވެރިންގެ ހައްގު ހޯދަން ނުކުތް ދުވަހު ވެސް ނޫސްވެރިންގެ ގަޔަށް ޕެޕަސްޕްރޭ ޖެހި ވާހަކަ އަޅުގަނޑު ދެންނެވިން،" މަހުލޫފް ވިދާޅުވި އެވެ.
ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒު ކައިރީ އިދިކޮޅު ފަރާތްތަކުން ކުރަނީ ސިޔާސީ ދުއާއެއް ނޫން ކަމަށާއި ފުލުހުން މެދުވެރިކޮށް ސަރުކާރުން ދުއާކުރުން ހުއްޓުވަމުންދާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުލުހުން މިހާރު އިދިކޮޅު ފަރާތްތަކަށް ޖާގަނުދޭ ކަމަށާއި އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުހާދުގެ ސަމާލުކަމަށް ގެންނަވާފައިވާނެ ކަމަށެވެ.