ވޮޝިންޓަން(ޖުލައި 10): އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ހަރުކަށި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓަކަށް އެމެރިކާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ މައިކަލް ފްލިން ހަމަޖައްސަން މަސައްކަތް ކުރާކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ.

ޓްރަމްޕްގެ ކޭންޕޭން އޮފީހާ ހަވާލާދީ އެމެރިކާގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްވަނީ ރަނިންމޭޓަކަށް ރިޓަޔަޑް ޖެނެރަލެއް ކަމަށްވާ މައިކަލް ފްލިން ހަމަޖެއްސުމާބެހޭގޮތުން ފްލިންގެ ރުހުންހޯދާފައެވެ. އަދި މިކަމާބެހޭގޮތުން ޓްރަމްޕް ގެންދަވަނީ ރިޕަބްލިކަން ޕާޓީގެ ކައުންސިލްގެ މެންބަރުންނާ މަޝްވަރާތައް ކުރައްވަމުންނެވެ. ނަމަވެސް ޓްރަމްޕް މިކަން އަދި ކަށަވަރުކޮށެއް ނުދެއްވައެވެ.

ޓްރަމްޕް

މައިކަލް ފްލިން އަކީ ރައީސް ބަރަކް އޮބާމާގެ ފުރަތަމަ ދައުރުގައި އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ ޑައިރެކްޓަރު ކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ގެ ނައިބު ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެކުރިން އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގައި ދިގުމުއްދަތެއްގައި ފްލިން ޚިދްމަތް ކުރައްވާފައިވެއެވެ. އުމުރުން ފަންސާސް އަށް އަހަރު ގެ ފްލިން ނިސްބަތްވެ ވަޑައިގަންނަވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށެވެ.

އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ޓްރަމްޕް އޭނާގެ ރަނިންމޭޓަކަށް ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކު އިޚްތިޔާރު ކުރެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. (ނޫސްއެޖެންސީތައް)