10 Jul 2016, 16:23
ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ދެވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.
އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގައި ދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި އެކެއް އަދި ތިލަފުށީ ދޭއްގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް 2015 ވަނަ އަހަރު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ އިއުލާނު ބާތިލު ކުރުމަށްފަހު އެ ފުރުސަތު އަލުން ހުޅުވާލާ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ބުންޏެވެ. އިއުލާނުގައި ބުނާ ގޮތުގައި ޝައުގުވެރިކަން ފާޅުކުރުމަށް ހުށަހަޅާ ސިޓީއާ އެކު، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ވަނަވަރާއި މަސައްކަތުގެ ތަޖުރިބާއާއި، ޚިދުމަތް ދިނުމަށް ހުށަހަޅާ ގޮތުގެ ކޮންސެޕްޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި 11 ޖުލައި އިން 14 ޖުލައި އާ ދެމެދު، މަސައްކަތުގެ މައުލޫމާތު ކަރުދާސް ތިލަފުށި ކޯޕަރޭޝަނުގެ އޮފީހުން ދޫކުރާނެ ކަމަށާއި، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން އޮންނާނީ 17 ޖުލައިގެ 13:30 ގައި ތިލަފުށި ކޯޕަރޭޝަންގެ އޮފީހުގައި ކަމަށެވެ.