ރ. އިގުރައިދޫގައި ކުނި ކޮށި ގާއިމްކޮށް ބައެއް ރަށްރަށުގައި ޑަސްޓްބިން ބަހައްޓަން އެއްބަސްވެ ބައެއް ކުންފުނިތަކާއި އެކު ސޮއިކޮށްފި އެވެ.

މިއަދު އެންވަޔަންރަމެންޓް މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި ބޭއްވި ބައްދަލުވުމެއްގައި އިނގުރައިދޫގައި ކުނި ކޮށި ގާއިމް ކުރުމަށް އެއްބަސްވެ އެންވަޔަރަންމެންޓް މިނިސްޓްރީއާ އެކު ސޮއިކޮށްފައިވަނީ ވިންލޭންޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.

މިއަދުން ފެށިގެން ދެމަސްދުވަހުގެތެރޭގައި ނިންމާގޮތަށް އެބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެވީ މިނިސްޓަރު ޠާރިޤު އިބްރާހިމް އެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެޑް މިނިސްޓްރޭޓިވް މެނޭޖަރު މުހައްމަދު ރަޝީދު އެވެ. އިނގުރައިދޫގައި ކުނިކޮށި ގާއިމް ކުރަން ހަވާލުކޮށްފައިވަނީ 895،313.32 ރުފިޔާ އަށެވެ.

އޭގެ އިތުރުން ދ. ކުޑަހުވަދޫގައި އިންސިނަރޭޓަރެއް ބެހެއްޓުމަށް އެޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކުވެސް ވަނީ ސޮއިކޮށްފައެވެ. ޖުމްލަ 684،557.03 ރުފިޔާގެ އެ ޕްރޮޖެކްޓް 79 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ބައެއް ރަށްރަށުގައި ޑަސްޓްބިން ބެހެއްޓުމަށްވެސް މިއަދު ވަނީ އެއްބަސްވެފައެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫގައި ޑަސްޓްބިން ބަހައްޓަން ހަވާލުކޮށްކޮށްފައިވަނީ ބިލްޑްރޯ ސީ އެންޑް ސީ ޕްރައިވެޓް ލިމިޓޭޑާ އެވެ. އެ ތިން ރަށުގައި ޑަސްޓްބިން ބަހައްޓަން 560،252.92 ރުފިޔާ ހޭދަވާއިރު 37 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމަން ވަނީ އެއްބަސްވެފައެވެ.

ފަސް ރަށެއްގައި ޑަސްޓްބިން ބެހެއްޓުމުގެ އިތުރުން ކުނި ކޮމްޕޯސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެންޓްރާންސް ޕްރައިވެޓް ލިމިޓޭޑާ އެކުވެސް ވަނީ ސޮއިކޮށްފައެވެ. އެއީ ގދ. ތިނަދޫ، ގދ. މަޑަވެލި، ގއ. ގެމަަނަފުށި، ގއ. ދެއްވަދޫ އަދި ގއ. ވިލިގިއްޔެވެ. އެެ ފަސްރަށުގައި ޑަސްޓްބިން ބަހައްޓައި ކުނި ކޮމްޕޯސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް 523،315.67 ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުންޏެވެ. އެމަސައްކަތް 32 ދެދުވަހުގެ ތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ.