އިއުލާން ނުކޮށް ފަޅުތަކާއި ރަށްތައް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ކުއްޔަށްދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާއިން ފާސްކުރި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދު އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ނިހާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ.

އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި، އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ.

ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔެއް އަދި ޖޫރިމަނާއެއް އޮތަސް، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް އެ ރަށެއް އެ ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފަސް ކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަމަށް އެ ބިލުގައިވެ އެވެ.

ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ގާއިމްކުރާ އެއްބަސްވުމުގެ ތަފްސީލުތަކެއް އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ. ބިލު ތަސްދީގު ކުރުމުން ހަދަން ޖެހޭ ގަވާއިދެއްގައި އެފަދަ އެއްބަސްވުމެއްގައި ހިމަނަން ޖެހޭނެ ކަންތައްތަކެއް ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.

ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްތަކާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު އެކުލަވާލައި އާންމުކުރަން ޖެހޭނެ އެވެ. އެ ލިސްޓަށް އުނި އިތުރެއް ގެނެވޭނީ ވެސް ރައީސް އޮފީހުގެ ހުއްދައާއެކު ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އޭގެ އިތުރުން ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ޓެކްސް ނެގުމަށް ވެސް އިސްލާހުގައިވެ އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވީ ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލަށް ޕީޕީއެމްގެ މެމްބަރުން ވޯޓު ދެއްވާފައި ވަނީ އެ ބިލަށް ވޯޓު ނުދެއްވުމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވާފައި ވަނިކޮށެވެ.

މައުމޫން އެބިލަށް ވޯޓު ނުދޭން އެންގެވިއިރު، ރައީސް ޔާމީން ވަނީ އެ ބިލަށް ވޯޓު ދެއްވަން ޕީޕީއެމްގެ ހުރިހާ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެބިލާ ދެކޮޅަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ ވޯޓު ދެއްވާފަ އެވެ. އަދި އެ ބިލަށް ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަނީ މަޖިލީހުން ނުކުމެވަޑައިގެންފަ އެވެ.