10 Jul 2016, 15:03
ކ. ހިންމަފުށީގެ ބިން ހިއްކުމަށް ޓަކައި އއ. އަތޮޅުން ވެލި ނަގަމުންދާ ސަރަހައްދަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިނގާ ސަރަހައްދެއް ކަމަށް ވާތީ، އެކަމާ އއ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނެދަލެންޑްސްގެ ވަން އޫޑް ކުންފުނިން ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހު ހަތަރު ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ ދަށުން ހިންމަފުށީގެ ދެކުނުން 21.6 ހެކްޓަރުގެ ބިން، ދެ ހަފްތާގެ ތެރޭގައި ހިއްކާނެ އެވެ.
އއ. އަތޮޅުގައި އޮންނަ ތިލަބަރި ނަމަކަށް ކިޔާ ސަރަހައްދަކުން ވެލި ނަގައިގެން ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރާތީ އއ. އަތޮޅުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ އަތޮޅު ކައުންސިލުގެ ނައިބު ރައީސް މޫމިން ރަޝީދު އަހްމަދު "ސަން" އަށް މިއަދު ވިދާޅުވީ، ހިންމަފުށީގެ ބިން ހިއްކުމަށް އއ. އަތޮޅުގެ ތިލަބަރި ސަރަހައްދުން ވެލި ނަގަން އުޅޭ ކަމުގެ ވާހަކަ މިދިޔަ އަހަރުގެ ފަހުކޮޅު އެނގުނު ކަމަށާއި އޭރުން ފެށިގެން އެ އަތޮޅުގެ މަސްވެރިންނާއި ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ މާޔާ ތިލަ އަދި ހަފްސާ ތިލަ ފަދަ، މަގުބޫލު ޑައިވް ޕޮއިންޓުތައް ވެސް އެސަރަހައްދުގައި ހުންނަ އިރު، އެސަރަހައްދުން ވެލި ނެގުމަކީ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ހިންމަފުށި ބިންހިއްކުމަށް އއ. އަތޮޅުން ވެލި ނަގާ ސަރަހައްދު --
މޫމިން ވިދާޅުވީ އެސަރަހައްދުން ވެލި ނަގަން އުޅޭކަމުގެ ރަސްމީ މައުލޫމާތު ހައުސިން މިނިސްޓްރީގެ ފަރާތުން އެ ކައުންސިލަށް ދިނީ ރަމަޟާން މަހުގެ ތެރޭގައި ކަމަށާއި ވެލި ނަގާ ސަރަހައްދުގައި އެންމެ ކައިރިން އޮތް ތިން ރަށް ކަމުގައިވާ އއ. މަތިވެރި، އއ. އުކުޅަސް އަދި އއ. ބޮޑުފޮޅުދޫގެ ކައުންސިލާ އެކު ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް މިނިސްޓްރީން އެދުނު ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ބުނިން އެ ތިން ރަށް ނޫނަސް އެހެެން ފަރާތްތައް ވެސް ތިބޭނެއޭ ތިލަބަރި ސަރަހައްދާ ގުޅުންހުރި. އެ ހުރިހާ ފަރާތަކާ އެއްކޮށް ބައްދަލުވުން ބޭއްވުމަށް އަޅުގަނޑުމެން އެދުނިން،"
މޫމިން ވިދާޅުވީ އެ އެދުމަށް މިނިސްޓްރީން އަޑު ނާހައި، ދާދި ފަހުން ދެ ބޭފުޅަކު އަތޮޅު ކައުންސިލަށް ފޮނުވި ކަމަށާއި އެ ދެ ބޭފުޅުން ވަރަށް "އަވަސް އަރުވާލައިގެން" އައިސް، އެ މަސައްކަތާ ގުޅޭ ފަންނީ ޕްރެޒެންޓޭޝަނެއް ދައްކައި ނިންމާލި ކަމަށެވެ.
"އެބޭފުޅުން ވިދާޅުވި ކަމާ ގުޅުން ހުރި ހުރިހަ ފަރާތްތަކާ ތިމަންނާމެން ބައްދަލުކުރާނަމޭ،" މޫމިން ވިދާޅުވި އެވެ.
އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މިނިސްޓްރީން ދިން މައުލޫމާތުތަކުން އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރާނެ އަސަރާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އީއައިއޭ ރިޕޯޓު ވެސް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ފޮޓޯ/އީޝާލް އިސްމައިލް (ފޭސްބުކް)
"އެ މީޓިންގްގައި ވެސް އަޅުގަނޑުމެން ވަރަށް އިންސިސްޓުކުރިން އެ މައުލޫމާތުތައް ދޭން. އެބޭފުޅުން ވިދާޅުވީ ޖުލައި ހަތަރެއްގައި މަސައްކަތް ފަށާނެ ކަމަށް. ދެން އަޅުގަނޑުމެން އެހިން މަސައްކަތް ފަށާ ވާހަކަ ހިއްސާ ކޮށްލަން ދެއްތޯއޭ ތިޔަ ވަޑައިގަތީ،"
ހިންމަފުށީގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ވެބްސައިޓުގައި އާންމު ކޮށްފައި ވަނީ، ބިން ހިއްކުމުގެ މަސައްކަތް ފެށި ދުވަހު ކަމަށް އއ. ކައުންސިލުން ބުންޏެވެ.
އީއައިއޭ ރިޕޯޓު ބުނާ ގޮތުގައި، މާލެ އިންޑަސްޓްރިއަލް ވިލެޖު ހިއްކުމަށް މާލެ އަތޮޅުގެ ސަރަހައްދުތައް ބެލި އިރު މާލެ އަތޮޅުގައި ވެލި ނެތްކަން ހާމަވެގެން ދިޔަ އިރު، ހިންމަފުއްޓާ އެންމެ ކައިރިން ވެލި ލިބެން ހުރި ސަރަހައްދަކީ އއ. އަތޮޅުގެ ތިލަބަރި ސަރަހައްދެވެ.
އަދި އެތަނުން ވެލި ނުނަގައިފި ނަމަ، ބިން ހިއްކުމުގެ މަޝްރޫއު ހިންގާ ކުންފުނިން ޖެހޭނީ ރާއްޖެ އިން ބޭރުން ވެލި އިމްޕޯޓު ކުރުން ނުވަތަ މާ ދުރު ސަރަހައްދަކުން ވެލި ހޯދުން ކަމަށާއި ފީސިބިލިޓީ ސްޓަޑީތަކަށް ބަލާއިރު އެއީ މާލީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫން ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ.

ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ފޮޓޯ/އީޝާލް އިސްމައިލް (ފޭސްބުކް)
އީއައިއޭގައި ބުނަނީ ވެލި ނަގާ ސަރަހައްދަކީ، ގެއްލުން ލިބިދާނެތީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ސަރަހައްދާ 500 މީޓަރު ދުރު ސަރަހައްދެއް ކަމަށެވެ. އަދި ބިން ހިއްކުމަށް ޓަކައި ވެލި ނަގަމުންދާ ދުވަސްވަރު އެސަރަހައްދުގެ މޫދު ކިލަނބުވުމާއި އެންވެރިކަން ދަށްވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އެއީ ދާއިމީ ކަމަކަށް ނުވާނެ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
އަދި ވެލި ނެގުމުގެ މަސައްކަތުގައި ބޭނުންކުރާ މެޝިނަރީއާއި ޕަމްޕުތަކުގެ އަޑުފައްގަނޑާ ގުޅިގެން އެސަރަހައްދުގައި މަސް މަދުވާނެ ކަމަށް ވެސް ބެލެވޭ ކަމަށާއި ނަމަވެސް އެކަން ވެސް ދާއިމީ ކަމަކަށް ނުވާނެ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެސަރަހައްދުގެ ގުދުރަތީ މާހައުލަށް ގެއްލުމެއް ނުލިބޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރާނެ ކަމަށާއި ކަނޑުގެ ލޮނުގަނޑުގެ ކޮލިޓީއާއި ފަރުތައް ކޮންމެ ދުވަހަކު މޮނީޓާ ކުރަމުންދާނެ ކަމަށެވެ.