10 Jul 2016, 14:53
މާލޭގައި ބައެއް ފަރާތްތަކުން މަގުމަތީގައި ކުނި ބަހައްޓާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "ގެއިން ކުނި ނެރެފައި މަގުމަތީގައި ބެހެއްޓުމަކުން ފަރުދީ ޒިންމާ އަދާކުރެވުނީ ނޫން" ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިދުވަސްކޮޅު ހާއްސަކޮށް، މާލޭގެ މަގުތަކުގައި ކުނި ގިނަވެ އާންމުންގެ ޝަކުވާ ގިނަވެފައި ވާތީ އެކަމާ ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރަމަޟާން މަހުގެ ކުރީކޮޅު މަގުތަކުގައި ގޭގެއިން ނެރިފައި ހުންނަ ބާމުދާ ބަހައްޓާފައި ހުންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެެވެ. އަދި އޭގެ ފަހުން ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި ގޭގެއިން ކުނި ނެރި ކުނި ކޮތަޅުތައް މަގުމަތީގައި ބަހައްޓާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
ތޯރިގް ވިދާޅުވީ މިނިސްޓްރީގެ ވަސީލަތްތައް ހުންނަ ވަރަކުން ފުލުހުންނާ ގުޅިގެން ތަންތަން މޮނިޓަކުރަމުންދާ ކަމަށާއި، މަގުމަތީގައި ކުނި ބަހައްޓާފައި ހުންނަ ކަމުގެ ރިޕޯޓު ވެސް މިނިސްޓްރީއަށް ލިބޭ ކަމަށެވެ.
" ޖޫރިމަނާ ކުރެވޭ ގަވައިދު އޮވޭ. ކުނި ބަހައްޓަނިކޮށް އަޅުގަނޑުމެނަށް ފެނިއްޖެއްޔާ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅުވެސް އެޅޭ. އަދި ޕޮލިހުން ވެސް އެކަންތައް ބައްލަވަމުން ގެންދަނީ. އެހެންނަމަވެސް މީގައި އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެން މިއުޅޭ މާހައުލު ސާފުކޮށް ރީތިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން އުފައްދާ ކުނި ނެރިފައި މަގުމަތީގައި ބެހެއްޓީމާ ފަރުދީ ޒިންމާ އަދާކުރެވުނީކީ ނުނޭ،" ތޯރިގް ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މިނިސްޓަރު ވިދާޅުވީ ގެއިން ކުނި ނެރިފަ މަގުމަތީ ބެހެއްޓުމަކުން ފަރުދީ ޒިންމާ އަދާކުރެވުނީކީ ނޫންކަމަށް -- ސަންފޮޓޯ// މުހައްމަދު އަފްރާހް
އެބަޔަކު އުފައްދާ ކުންޏެއް ނައްތާލުމުގައި ޒިންމާ ނަގަންޖެހޭނީ އެބަޔަކުކަން ފާހަގަކުރައްވާ ތޯރިގް ވިދާޅުވީ އާދަވެ ކުނި ނައްތާލަން މަސައްކަތް ނުކުރާ ނަމަ ކުނީގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. "ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަމައް ހައްލެއް ނާންނާނެ" ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ އުންމީދަކީ ކުރިއަށް ތަނުގައި އާންމުން އެކަމާމެދު ވިސްނައި މަގުމަތީގައި ކުނި ބެހެއްޓުމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
"އެގޮތަށް އެކަންތައް ކުރާ ފަރާތްތަކަށް ނަސޭހަތްލާދީ، އެކަން ކުރަނިކޮށް ފެނިއްޖެ ނަމަ ރިޕޯޓުކުރެއްވުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް. އެއީ އެގޮތަށް މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ރާއްޖެ ސާފުވެގެންދާނީ،" ތޯރިގް ވިދާޅުވި އެވެ.
ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ހައިވާ ގޮތުން ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަން ވާނީ އެކަމަށް ހާއްސަކޮށްފައިވާ އަދި ތަންފީޒީ އިދާރާ އިން ހުއްދަދީފައިވާ ތަންތަނަށެވެ. އަދި އެއްވެސް ހާލެއްގައި ކުނިނޭޅޭނެތަންތަނުގެ ގޮތުގައި ބައެއް ތަންތަން ކަނޑައަޅައި އެތަންތަނަކަށް ކުނިއެޅުމަކީ ކުށެއްކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. ކުނިއެޅުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ބަނދަރު ސަރަހައްދާއި މަގުތަކާއި ޕާކުތައް ވެސް ހިމެނެ އެވެ.
ކުނި މެނޭޖްކުރުމުގެ ގަވާއިދު ބުނާ ގޮތުން އެތަންތަނަށް ކުނި އަޅާމީހުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ކުރާނެ އަގު ކަނޑައަޅާނީ މިނިސްްޓްރީ އިން ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ވޭތުވެ ދިޔަ ރަމަޟާން މަހު މަގުތަކުގައި ކުނި ކޮތަޅު ބެހެއްޓުމުން ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ދަތިވެ، އާންމުން ވަނީ ޝަކުވާކޮށްފަ އެވެ. ކުނީގެ މައްސަލައަކީ ހާއްސަކޮށް މާލޭގައި އަބަދުވެސް ދިމާވާ މައްސަލައަކަށްވާ އިރު މައްސަލަ ހައްލުކުރުމަށް އާންމުންގެ އެއްބާރުލެއްވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.