10 Jul 2016, 14:11
ލާހޯރު (ޖުލައި 10) : ލަންޑަންގެ ހޮސްޕިޓަލެއްގައި ހިތްޕުޅުގެ ބައިޕާސް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
އާއިލާގެ މެންބަރުންނާ އެކު ބޭސްފަރުވާގެ ކަންތަކުގައި 55 ދުވަހު ލަންޑަންގައި އުޅުއްވުމަށް ފަހު ނަވާޒް ޝަރީފް އެނބުރި ވަޑައިގެންނެވީ ޕާކިސްތާނުގެ އިރުމަތީގައިވާ އޭނާގެ އުފަންރަށްކަމަށްވާ ލާހޯރު އަށެވެ. ލާހޯރު އިންޓަނޭޝަނަލް އެއާޕޯޓްގައި އޭނާގެ އިސްތިގްބާލްގައި ވެސް ތިއްބެވީ ސެކިއުރިޓީންގެ އިތުރުން އާއިލާގެ މެންބަރުންނެވެ.
ލާހޯރު އެއަރޕޯޓުން ނަވާޒް ޝަރީފް ވަޑައިގެންނެވީ ވެސް އަމިއްލަފުޅު ގެކޮޅަށެވެ. ގެކޮޅުގައި ހަފްތާއެއްހާ ދުވަހު މަޑުކުރެއްވުމަށް ފަހު އޭނާ ރަސްމީ ސިފައެއްގައި އޮފީހަށް ނުކުމެވަޑައިގަންނަވާނީ އަންނަ ހަފްތާގަ އެވެ. ނަވާޒް ޝަރީފުގެ އާއިލާއާ ހަވާލާދީ ނޫސްއެޖެންސީތައް ބުނާ ގޮތުން ނަވާޒް ޝަރީފަށް ފަރުވާދިނުމަށް ޓަކައި ކޮށްފައި ވަނީ އޯޕަން ހާޓް ސާޖަރީ އެކެވެ.

ނަވާޒް ޝަރީފުގެ ހުރިހާ ކަމެއް ބަލަހައްޓަވާ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް
ނަވާޒް ޝަރީފްގެ ކަންތައްތައް އިސްކޮށް ބަލަހައްޓަވާ އޭނާގެ ދޮށީ އަންހެން ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ވިދާޅުވީ ބައްޕާފުޅުގެ އޮޕަރޭޝަނަކީ ވަރަށްނުރައްކާތެރި އަދި ބޮޑު އޮޕަރޭޝަނެއްކަމަށާއި އޮޕަރޭޝަން ކާމިޔާބު ނަމަވެސް އެކަމުގެ ސައިޑް އިފެކްޓްސްތައް ކުރިމަތިވެދާނެތީ ދިގު މުއްދަތަކަށް އަރާމު ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމުގަ އެވެ. އުމުރުން 66 އަހަރުގެ ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް 2011 ވަނަ އަހަރު ވެސް ވަނީ ކޮށްފަ އެވެ.
ނަވާޒް ޝަރީފް މީގެކުރިން ވެސް ދެފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވެ އެވެ. އެ ދެ ފަހަރު ވެސް އެކިއެކި ގޯނާތަކާގުޅިގެން ބޮޑުވަޒީރު ކަމުގެ ދައުރު ފުރިހަމަކުރެއްވިފައެއް ނުވެ އެވެ. އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 1990 ވަނަ އަހަރުގަ އެވެ. އެއަށް ފަހު 1997ގައި އަނެއްކާ ވެސް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި އެވެ. ނަމަވެސް 1999ގައި ޖެނެރަލް ޕަރުވޭޒް މުޝައްރަފް ގެންނެވި އަސްކަރީ އިންގިލާބެއްގައި ނަވާޒްޝަރީފް މަގާމުން ދުރުކޮށް އެތައް އަހަރަކަށް ޖަލަށްލާފައިވެ އެވެ.
އެންމެ ފަހުން ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 2013 ވަނަ އަހަރުގަ އެވެ. އެއީ އެ އަހަރު ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. (ނޫސްއެޖެންސީތައް)