ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕްގައި ފްރާންސްގެ ޓީމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ލިބުނު ނާކާމިޔާބީއަށްފަހު ބައިބައިވުން އުފެދިފައިވާ ފްރާންސްގެ ފުޓްބޯޅައަށް ލޯބިކުރާ އެތަކެއް ހާސް ރައްޔިތުން، ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން އަނެއްކާވެސް އެކަތިގަނޑަށް ހަދާފައިވާ ކަަމަށް އެޓީމުގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ބުނެފިއެވެ.

ވޯލްޑް ކަޕް 2010ގައި ބައިވެރިވި ފްރާންސްގެ މުޅި ޓީމު ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދި ކުޅުންތެރީން ހަޅުތާލުކުރާ ހިސާބަށް ދިޔައިރު، އެފަހަރުގެ މުބާރާތުން ފްރާންސް ގްރޫޕްގެ އެންމެ ފުލަށް ގޮސްގެންނެވެ. އެހެންނަމަވެސް އަމިއްލަ ފަސްގަނޑުގައި ކުޅޭ މިފަހަރުގެ ޔޫރޯގައި އެ ޓީމުން މިވަނީ، އަނެއްކާވެސް ގައުމަށް އުފާވެރިކަމުގެ އީދެއް ގެނެސްދީފައެވެ.

"އަހަރެމެންނަށް އަނެއްކާވެސް ޓީމެއް ބިނާކުރެވިއްޖެ،" ބީބީސީ ސްޕޯޓްސްއަށް އޮންރީ ބުންޏެވެ.

އޮންރީ ބުނީ، މިހާރު ހުރިހާ ކަމެއްވެސް ބަދަލުވެ، ފްރާންސްގެ ފުޓްބޯޅަ އަލުން ހަމަމަގަށް އެޅިފައިވާ ކަމަށެވެ. އަދި މިހާރު ފުޓްބޯޅައިގެ އިތުރުން މުޅި ގައުމުގައި ވެސް އެކުވެރިކަމާ އެއްބައިވަންތަކަށް އުފެދިފައިވާކަން އޭނާ ފާހަގަކުރިއެވެ.

ތިއެރީ އޮންރީ --

ދެކުނު އެފްރިކާގައި 2010ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގައި ފްރާންސް ޓީމު ތެރޭގައި މައްސަލަތައް އުފެދުނީ، އެޓީމުގެ އޭރުގެ ކޯޗް ރޭމަން ޑޮމިނިކް، އެޓީމުގެ އޭރުގެ ފޯވާޑް ނިކޮލަސް އަނެލްކާ ސްކޮޑުން ބޭރުކޮށްލުމުންނެވެ. ޑޮމިނިކާ ދިމާއަށް އަނެލްކާ ބުނި ވާހަކައަކުން ހިތްހަމަ ނުޖެހިގެން އަނެލްކާ ޓީމުން ބާކީ ކޮށްލުމުން ފްރާންސްޓީމު ކުޅުންތެރީން ވަނީ، ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅުހަދައި އިހްތިޖާޖްކޮށްފައެވެ.

"އަހަރެމެން ގުޅެންޖެހޭ. 2010 ވަނަ އަހަރު އަހަރެމެންގެ ސަޕޯޓަރުންނާ ކެނޑިފައިވާ ގުޅުން އަލުން މިވަނީ އިއާދަކުރެވިފައި،" ކުރިން އާސެނަލް އަދި ބާސާއަށް ކުޅުނު ފޯވާޑް ބުންޏެވެ.

"މިހާރު ހުރިހާ ކަމެއް މިވަނީ ހަމައަކަށް އެޅިފައި."

އޮންރީ ބުނީ، މީގެ ހަ އަހަރު ކުރީން އެންމެންވެސް، ފްރާންސް ޓީމަށް މަލާމަތް ރައްދުކުރި ކަމަށެވެ. އެގޮތުން ފްރާންސް މިހާރު ދަތުރުކޮށްފައިވާ ހިސާބު އެ ފަރާތްތަކަށް ހާމަކޮށްދިނުމަށް، މިފަހަރުތެ ޔޫރޯ ޓްރޮފީ ފްރާންސްގައި ބެހެއްޓުން ވަރަށް މުހިންމުކަމަށް އޭނާ ބުންޏެވެ.

މީގެ 16 އަހަރު ކުރިން ފްރާންސް ޔޫރޯ ކާމިޔާބުކުރި އިރު އޭރު އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރީ މިހާރު އެޓީމުގެ ކޯޗް ޑިޑިއަރ ޑި ޝޯމ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހަށް ޓެރަރިސްޓް ހަމަލާއެއްދީ 130 މީހުން މަރުވި ހާދިސާއާއި، ފްރާންސާއި ޖަރުމަނު އެކުވެރިކަމުގެ މެޗެއް ކުޅެމުން ދަނިކޮށް ސްޓޭޑިއަމްގެ ބޭރުގައި އެއްޗެއް ގޮއްވާލި ހާދިސާއާ އެނޫންވެސް އެފަދަ ތަފާތު ހާދިސާތަކަށް ފަހު ގައުމު ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ޔޫރޯގައި މިފަހަރު ފްރާންސް ޓީމުން ހޯދަމުންދާ ކާމިޔާބުތައް މުހިއްމު ދައުރެއް އަދާކުރާކަން އޮންރީ ފާހަގަކުރިއެވެ.

އަމިއްލަ ފަސްގަނޑުގައި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ފްރާންސުން އުފުލައިލި އިރު އެޓީމުގައި ހިމެނުނު އޮންރީ ބުނީ، ފްރާންސަކީ އަބަދުވެސް އަމިއްލަ ފަސްގަނޑުގައި ކާމިޔާބު ޓީމެއް ކަމަށާއި މިފަހަރުގެ ފައިނަލަށްވެސް އެޓީމު ނުކުންނާނީ، 1998ގެ ވިސްނުމާއެ ކަމަށެވެ.

"މޮޅުވުމުގެ ވިސްނުން ހުރީ ހަމަ އޭރުވެސް ހުރި ފަދައިން،" 1997 އިން 2010 ވަނަ އަހަރާ ހަމައަށް ފްރާންސް ޓީމަށް 123 ކުޅުނު އޮންރީ ބުންޏެވެ.

"އަހަރެމެން ވާނީ މީގެ 16 އަހަރު ކުރިން 1984ގެ ޔޫރޯއާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައި. އަމިއްލަ ފަސްގަނޑުގައި މުބާރާތްތައް ކާމިޔާބުކުރުމަކީ އަހަރެމެންނާ ސަގާފަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް،" އަމިއްލަ ފަސްގަނޑުގައި މުބާރާތްތައް ބާއްވާއިރު ފްރާންސް ނުކުންނަނީ މުޅި ގައުމު އެކަތި ގަނޑަކަށްވެ އެއް ރޫހެއްގައި ކަން ފާހަގަކުރަމުން އޮންރީ ބުންޏެވެ.

މީގެ 16 އަހަރު ކުރިން ފްރާންސް ޔޫރޯ ކާމިޔާބުކުރި އިރު އޭރު އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ހުރީ މިހާރު އެޓީމުގެ ކޯޗް ޑިޑިއަރ ޑި ޝޯމް އެވެ.