10 Jul 2016, 14:06
ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާކަން ޕީޕީއެމް އިން އަންގާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމަށް ފާރިސް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ ސުލޫކީ މައްސަލައެއް ޕާޓީގެ ސުލޫކު ކޮމެޓީ އަށް ހުށަހެޅި އެކަމާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަށްދާ ވާހަކަ ވަރަށް ފުޅާދާއިރާއެއްގައި މީޑިއާގައި ދެކެވޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ސިޓީގައި ފާރިސް ވިދާޅުވީ އޭނައާ ގުޅޭ މައްސަލައެއް އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި ޕާޓީގެ ރަސްމީ ފަރާތަކުން އެއްވެސް އެއްޗެއް އޭނާ އަށް އަންގާފައިނުވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑާ ގުޅޭ މިފަދަ އެއްވެސް މައްސަލައެއް ބަލާކަމަށްވާ ނަމަ، މައްސަލަ ރައްދުވާ ފަރާތާ ބެހޭ ގޮތުން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ސުލޫކީ ކޮމެޓީގެ ހިންގާ ގަވާއިދާއި ޕާޓީގެ ސުލޫކީ ފިޔަވަޅު އެޅުމާއި ބެލުމާ ބެހޭ އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައިނުވާ ވާހަކަ ދަންނަވަމެވެ،" ފާރިސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އޭނާގެ މައްސަލައެއް ބަލާކަމުގެ މައުލޫމާތު ޕާޓީގެ އެއްވެސް ގުނަވަނަކުން ޕާޓީގެ އޮފީހަށް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް އަންގަވައިދެއްވުމަށް ވެސް ފާރިސް ވަނީ އެދިވަޑައިގެންފަ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހުމާން ވިދާޅުވީ "ހަގީގަތުގައި ވެސް ފާރިސްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ" އޭނާ ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ އެ ކޮމެޓީ އަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއަށް ފަހު ޕީޕީއެމްގެ ހުރިހާ ވައިބާ ގްރޫޕްތަކަކުން ފާރިސް ވަނީ ވަކިކޮށްފަ އެވެ.