ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ފުރަތަމަ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާ މެދު ގޮތެއް ނިންމުމަށް ފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ބުނެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެރޭ މަހުލޫފް ހިފަހައްޓަން ފުލުހުން އުޅުމުން އޭނާ ބިންމައްޗަށް ވެއްޓިގަނެފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ ސާބިތުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންނާ މަހުލޫފާ ދެމެދު ދެކެވުނު ވާހަކަތައް އަޑުނީވޭ ކަމަށް ދިފާއީ ހެކީން ބުނެފައިވާ ކަމަށެވެ. އަދި ނޫސްވެރިން ވެސް ހިމެނޭ ގޮތަށް އާންމުން އެ ސަރަހައްދުން ދުރަށްޖައްސާފައިވާ ކަމަށް ހެކިބަސްދިން ފުލުހުން ބުނެފައި ވާތީ ދިފާއީ ހެކީންގެ ހެކިބަސްތައް ބަލައި ނުގަނެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން މަހުލޫފްގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އެ ރޭ މަހުލޫފް ފިލަން އުޅުނު ކަމަށް ބުނީ އެންމެ ފުލުހަކު ކަމަށެވެ. އަދި މަހުލޫފް ފިލަން އުޅުނުކަން ނޭނގޭ ކަމަށް ދެންތިބި ފުލުހުން ބުނެފައިވާ ކަމަށާއި އެހެންކަމުން ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި ދެ ނޫސްވެރިން ކަމުގައިވާ އަހުމަދު ހަމީދު އާދަމާއި މުހައްމަދު ވިސާމް ބުނެފައި ވަނީ ވެހިކަލަށް އަރަން ފުލުހުން މަހުލޫފުގާތު ނުބުނާ ކަމަށެވެ. ފުލުހުން މަހުލޫފާ ދެއްކި ވާހަކަތައް އަޑުނީވޭ ކަމަށް ދިފާއީ ހެކީން ބުނެފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މަހުލޫފް ފިލަން ނޫޅޭ ކަމަށާއި އޭނާގެ "އަންހެނުންގެ ގަޔަށް ފުލުހުން އަރައިގަތުމުން" ދުވެފައި އަންހެނުން ކައިރިއަށް ވަޑައިގަތީ ކަމަށް ހަސީން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ 12000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.