ޔޫރޯ 2016ގެ ފައިނަލް މެޗާ ދިމާކޮށް، ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފަރާތުން ކްރިސްޓިއާނޯ ރޮނާލްޑޯއަށާއި އޭނާގެ ޕޯޗްގަލް ޓީމަށް ވަރުގަދަ އިންޒާރުގެ މެސެޖެއް ދީފިއެވެ.

ފައިނަލް މެޗުގެ ތަޅުދަނޑި އޮތީ އޭނާގެ އަތުގައި ކަމަށް ދޭހަވާގޮތަށް ޕޮގްބާ ވަނީ، ޑީޖޭ ޚާލިދްގެ ފަހުގެ ލަވައެއް ކަމަށްވާ، "އައި ގޮޓް ދަ ކީޒް" މި ލަވައަށް އޭނާ ނަށާފައިވާ ވީޑިއޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްލައިފައެވެ.

ރެއާލް މެޑްރިޑުން މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި ޓާގެޓްކޮށްފައިވާ ޔުވެންޓަސްގެ ތަރި ޕޮގްބާގެ މި މެސެޖަކީ ހަމަ ހަގީގަތުގައިވެސް ޕޯޗްގަލް ކެޕްޓަނަށް އިންޒާރަކަށް ވެދާނެ ހެއްޔެވެ؟ މުބާރާތް މިފަހަރު ބާއްވާ ގައުމު ކަމަށްވާ ފްރާންސްގެ އެންމެ ބޮޑު އުންމީދަކަށް ވާނީ، މިރޭ ކުޅޭ ފައިނަލް މެޗުގައި ރޮނާލްޑޯއާއި، ޕެޕޭ، އަދި މުޅި ޕޯޗްގަލް ޓީމުގެ ތަޅު ހުޅުވާލައި މިފަހަރުގެ ޔޫރޯގެ ތަށި އެ ގައުމުގައި ބެހެއްޓުމެވެ.

A video posted by Paul Labile Pogba (@paulpogba)on

ތިންވަނަ ފަހަރަށް ޔޫރޯ ކާމިޔާބުކުރުމަށް ފްރާންސުން އަތުކުރި އޮޅާލާފައި ވާއިރު، ވާދަވެރި ޕޯޗްގަލް މިފަހަރުގެ ފައިނަލާ ކުރިމަތި ލަނީ، 2004 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ގްރީސްއަތުން ލިބުނު ހިތްދަތިކަން ފިލުވާލައި ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކުރުމުގެ އަޒުމާއެކު އެވެ.

ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ޕޮގްބާއަކީ، ކުރިއަށް އޮތްތަނުގައި ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ނުފެނުން ގާތެވެ. ޕޮގްބާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި ރެއާލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާވެސް ހިމެނެއެވެ.

ކޮންމެއަކަސް ފަައިނަލް މެޗުގެ ތަޅުދަނޑި އޮތީ، ފްރާންސް އަތުގައިތޯ ނުވަތަ ޕޯޗްގަލް އަތުގައިތޯ މިރޭ އެނގިގެންދާނެއެވެ.