10 Jul 2016, 11:43
ޔޫރޯ 2016ގެ ފައިނަލް މެޗަށް މިރޭ ފްރާންސާއި ޕޯޗްގަލް ނުކުންނައިރު ތަފާތު ބަހުސުތައް ކުރިއަށް ދާނޭކަން ޔަގީނެވެ. މޮޅުވާނީ ކޮންޓީމެއްތޯއާއި، އެޑްވާންޓޭޖް އޮތީ ކޮންބަޔަކަށްތޯ ނުވަތަ މޮޅަށް ކުޅޭނީ ކޮންބައެއްތޯއާއި ރީތިކުޅުމެއް ދައްކަނީ ކޮންބައެއްތޯއާ މިފަދަ އެތަކެއް ވާހަކަތަކެއް ހުންނާނެވެ.
މިހުރިހާ ވާހަކަތަކެއްގެ ތެރޭންވެސް މިފަހަރު އެންމެ ފޯރިގަދަ އެއް ވާހަކައަކީ، މިފަހަރު ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާނެ ކާކުތޯ ކުރެވޭ ސުވާލެވެ. މި މަގާމަށް ވާދަކުރާ މާކަ ގިނަ ކުޅުންތެރީންތަކެއް ނެތެވެ. ތަޖްރިބާކާރުން ދެކޭ ގޮތުގައި މިފަހަރުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދާނީ ޖާޒީ ނަންބަރު ހަތެކެވެ. ފްރާންސްގެ 7 ނަންބަރަށް ކުޅޭ އެންޓޮއިން ގްރީޒްމަން ނުވަތަ ޕޯޗްގަލްގެ 7 ނަންބަރަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުބާރާތުގެ ފުރަތަމަ ކޮޅުގައި މާބޮޑަށް އަޅައި ނުގަތް ނަމަވެސް މިފަހަރުގެ ފައިނަލްގައި ވާދަކުރާ ދެޓީމުގެ ޖާޒީ ނަންބަރު ހަތެއް މިވަނީ، މޮޅުކުޅުންތެރިޔާގެ ރޭހަށް ނުކުމެފައެވެ. ފްރާންސްގެ ހަތް ނަންބަރު ހެއްޔެވެ. ނުވަތަ ޕޯޗްގަލްގެ ހަތް ނަންބަރު ހެއްޔެވެ. އެއީ ކޮން ޓީމެއްގެ 7 ނަންބަރުކަން އެނގޭނީ ފައިނަލް މެޗަށް ފަހުއެވެ.
ކްލަބް ފުޓްބޯޅައަށް ބަލާއިރު މި ދެކުޅުންތެރީންވެސް ކުޅެމުން އަންނަނީ އެއް ސިޓީއެއްގެ ދެ ކްލަބަކަށެވެ. އެހެންނަމަވެސް ވާދަވެރި ދެ ކްލަބަށެވެ. އެއީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ. މީގެ ހައެއްކަ ހަފްތާ ކުރީން މި ދެ ކުޅުންތެރީންގެ ކުރިމަތިލުމެއް ފެނިގެން ދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުންނެވެ. އަނެއްކާ ޔޫރޯގެ ފައިނަލްގައި ވެސް މިއޮތީ ހަމަ މި ދެ ކުޅުންތެރީންގެ ކުރިމަތިލުމެކެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން 5-3 އިން އެތުލެޓިކޯ ބަލިކޮށް ތަށި ދަމައިގަތީ ރޮނާލްޑޯއެވެ.
ޔޫރޯ 2016ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ކުޅުންތެރިޔަކު މި ސީޒަންގެ ބެލަންޑޯ އެވޯޑް ހޯދުންވެސް ދުރު ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ޔޫރޯ ޗެމްޕިއަންޝިޕް ރެކޯޑް
މި ދެކުޅުންތެރީންގެ ވާދަވެރިކަމާއެކު ހަމަ ޔަގީނުންވެސް އެންމެ ބޮޑު އަސަރެއް ކުރާނެ އެއްފަރާތަކީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް މިޝޭލް ޕްލެޓިނީއެވެ. ރޮނާލްޑޯ މިހާރުވަނީ، ޕްލެޓިނީ ޔޫރޯގައި ގާއިމްކޮށްފައިވާ 9 ލަނޑުގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. އަދި މީގެ އިތުރުން ހަތަރު ޔޫރޯއެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެއްވެސް ގާއިމުކޮށްފައެވެ. އަނެއްކޮޅުން މިއީ ގްރީޒްމަންގެ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ފްރާންސްގެ ހުނަރުވެރި ފޯވާޑް މިވަނީ، މި މުބާރާތުގައި މިހާތަނަށް 6 ލަނޑު ކާމިޔާބުކޮށް މިހާރުވެސް މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި ފައިނަލް މެޗުގައި އިތުރު ލަނޑުތަކެއް ޖަހައި، ރޮނާލްޑޯއާ ޕްލެޓިނީއަށް ގޮންޖަހާލުމަކީވެސް ނުވާނެ ކަމެކޭ ނުބުނެވޭނެއެވެ.
ޔޫރޯ 2016ގައި ގްރީޒްމަންގެ ލަނޑުގެ ރެކޯޑަށް ބަލާއިރު، އޭނާ ވަނީ ކޮންމެ 73 މިނިޓެއްގައި ލަނޑުޖަހައިފައެވެ. އަދި ދެ އެސިސްޓްކޮށްފައި ވެއެވެ. ރޮނާލްޑޯ ތިން އެސިސްޓްކޮށްފައި ވީ ނަމަވެސް އޭނާ މި މުބާރާތުގައި ކާމިޔާބުކޮށްފައި ވަނީ އެންމެ ތިން ލަނޑެވެ. އެއީ ކޮންމެ 200 މިނިޓަކުން ލަނޑެކެވެ. އެހެންކަމުން 2004 ވަނަ އަހަރުން ފެށިގެން ރޮނާލްޑޯގެ ބާރު ޔޫރޯގައި އޮތް ނަމަވެސް، މިފަހަރުގެ ޔޫރޯގައި ގްރީޒްމަން މިވަނީ އެތައް ތަނެއް ކުރީގައެވެ.
ކުޅުމުގެ ސްޓައިލް
ދެ ކުޅުންތެރީންނަކީވެސް އާދަޔާ ހިލާފަށް ހަލުއި، އަދި ފުޓްބޯޅައިގެ ޒަމާނީ ހުނަރުތަކާއެކު ތަފާތު މަގާމުތަކަަށް ކުޅުމުގެ ގާބިލްކަން ހުރި މޮޅު ދެ ކުޅުންތެރީންނެވެ.
އުމުރުން 25 އަހަރުގެ ގްރީޒްމަން މިފަހަރުގެ ޔޫރޯ ފެށީ، ފްރާންސްގެ ކަނާތްފަރާތުން ކަމަށް ވީ ނަމަވެސް އޭނާގެ ހަގީގީ ކުޅުން ފެނިގެން ދިޔައީ ދެވނަ ބުރުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މެދުތެރޭން ކުޅެން ފެށި ހިސާބުންނެވެ. އެގޮތުން އޮލިވާ ޖިރޫގެ ފަހަތުން އޭނާ ކުޅެންފެށި ފަހުން މިހާތަނަށް ފަސް ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގްރީޒްމަންގެ ކުޅުމުގެ ފެންވަރުވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ހާއްސަކޮށް ސްޕީޑާއި، ޕާސިން އަދި ޑްރިބްލިންވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. އެހެންކަމުން މިހާރު ދަނޑުމަތީގައި ބޭނުންކުރެވޭނޭ އެންމެ ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި ބެލެވިދާނެއެވެ.
މިހާރު އުމުރުން 31 އަހަރުގެ ރޮނާލްޑޯގެ ޕާސިންއާއި ޑްރިބްލިންގެ އިތުރުން އެހުން ހަލުއިކަމުގެ ވާހަކައަކީ އެންމެންވެސް ދަންނަ ކަމެކެވެ. އޭނާގެ ވިދުވަރު ފެންނަން ފެށީ އަރިމަތިން ދައްކަމުންދިޔަ ހުނަރުވެރި ކުޅުމާއެކު އެވެ. އެހެންނަމަވެސް މިފަހަރުގެ ޔޫރޯގައި ސެންޓަރ ފޯވާޑެއްގެ ގޮތުގައި އޭނާ އަދާކުރާ ރޯލުވެސް އެހާމެ ފުރިހަމައެވެ. ނަގާފައިވާ ޝޮޓްތަކުގެ އަދަދު މިހާރުވެސް 47 އަރައެވެ. މެދުތެރޭން ކުޅެމުން، ސްކޯކުރުމުގެ އިތުރުން އަރިމަތިންވެސް ބޯޅަތައް ހޯދައި، އެހެންކުޅުންތެރީންނަށް އެހީތެރިވުމުގައިވެސް ހަމަ ފާހަގަކޮށްލެވެއެވެ. ކަނާތުފަޔަށް ރަނގަޅަށް ބޯޅައެއް ސެޓްވެއްޖެ ނަމަ ނުރައްކާތެރި ހަމަލާތަކެއް އުފައްދާ ރޮނާލްޑޯއަށް އަދި މިހާތަނަށް ޔޫރޯގައި ހިލޭޖެހުމަކުން ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންނަމަވެސް އޭނާއަކީ މުޅި ޓީމު އުންމީދު ކަނޑާލާވަގުތުގައި ވެސް އޭނާގެ ނުރައްކާތެރިކަން ދައްކައި އިދިކޮޅު ޓީމު ސިއްސުވާލުމުގެ ހުނަރު ހުރި ތަފާތު ކުޅުންތެރިއެކެވެ.
ފަހުގެ ކުރިމަތިލުންތައް
މި ދެ ކުޅުންތެރީންގެ ފަހުގެ ކުރިމަތިލުންތަކަށް ބަލާއިރު ގްރީޒްމަންއަށް އެހާ ކާމިޔާބެއް ނޫނެވެ. މޭ ފަހުކޮޅުގައި ޗެމްޕިއަންސް ލީގު ފައިނަލްގައި އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުން އެތުލެޓިކޯ ބަލިވީ ހިތްދަތި ގޮތަކަށެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއެއް ގްރީޒްމަން އަތުން ނާކާމިޔާބުވެފައިވާ އިރު، ރެއާލް ޗެމްޕިއަންކަން ހޯދި ޕެނަލްޓީ ކާމިޔާބުކުރީ ރޮނާލްޑޯއެވެ.
ހެޑް ޓު ހެޑް
މިކަމުގައި އަޅައިކިޔޭކަށް ނެތެވެ. ގްރީޒްމަންގެ ސީނިއާ ކެރިއަރު ފެށިފައިވަނީ 2014 ވަނަ އަހަރު އޭނާ އެތުލެޓިކޯއަށް ބަދަލުވުމުގެ ފަސް ސީޒަން ކުރިން 2009/10ގައި ރެއާލް ސޮސިއެޑާޑްގައެވެ. އޭނާގެ ކްލަބް ކެރިއަރުގައި މިހާތަނަކަށް ކުޅެފައިވާ 308 މެޗުން ކާމިޔާބުކުރެވިފައި ވަނީ 109 ލަނޑެވެ.

ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ ގްރީޒްމަންގެ ސީނިއާ ކެރިއާ ފެށި ދުވަސްވަރުއެވެ. 2009 ވަނަ އަހަރު ރެކޯޑް ފީއަކަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވެ، އޭނާ ކުޅުނު 348 މެޗުން 364 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. މިއީ ގްރީޒްމަން އެ މުއްދަތުގައި ކާމިޔާބުކުރި ލަނޑަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ. ސްޕޯޓިން އާއި މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅުނު މެޗުތަކާއެކު އޭނާ ކްލަބް ލެވެލްގައި ކުޅުނު 673 މެޗުން 487 ލަނޑު ޖަހާފައިވެއެވެ.
ގައުމީ ޓީމަށް ރޮނާލްޑޯ 132 މެޗު ކުޅުފައިވާއިރު 61 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. ގްރީޒްމަން 33 މެޗު ފްރާންސަށް ކުޅުނު އިރު ކާމިޔާބުކޮށްފައި ވަނީ 13 ލަނޑެވެ. އެހެންކަމުން ލަނޑުގެ ރެކޯޑް ރޮނާލްޑޯއާ ކައިރިވެސް ނުކުރެވެއެވެ.
ސޯޝަލް މީޑިއާ
މި ދެ ކުޅުންތެރީންނަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ދެ ކުޅުންތެރީންނެވެ. އެހެން ނަމަވެސް ރޮނާލްޑޯއަކީ ސޯޝަލް މީޑިއާގެ ރަސްގެފާނެވެ. ފޭސްބުކް، ޓްވިޓަރ، އިންސްޓަގްރާމް މި ތިން މީޑިއާގައި ރޮނާލްޑޯއާށް ފޮލޯކުރާ މީހުންގެ އަދަދު އެއްކޮށްލުމުން 225 މިލިއަނަށް އަރައެވެ. އެހެންނަމަވެސް މި ތިން މީޑިއާގައި ގްރީޒްމަންއަށް ފޮލޯކުރާ މީހުންގެ އަދަދު އެއްކޮށްލުމުން އަރަނީ 10.65 މިލިއަނަށެވެ.
ޝައުގުވެރިކަމާއި ހޮބީ
ގްރީޒްމަން އަކީ ސްނެޕް ޗެޓާއި އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރި، އަދި ހާއްސަކޮށް ފުޓްބޯލް މެނޭޖަރގެ ވަރަށް ބޮޑު ފޭނެކެވެ. ރޮނާލްޑޯއަށް ބަލާއިރު، އޭނާގެ ޝައުގުވެރިކަން ބޮޑަށް ހުންނަނީ އަމިއްލަ ނަފްސާމެދުއެވެ. އަމިއްލަ ފޮޓޯތައް ޕޯސްޓްކުރުމާއި އެހެންމީހުން ގާތުވެސް އަމިއްލަ ނަފްސާބެހޭގޮތުން ވާހަކަދެއްކުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.
ބެލަންޑޯގެ ވާދަވެރިކަން
ބެލަންޑޯގެ ވާހަކަދައްކާއިރު، ރޮނާލްޑޯއާ ގްރީޒްމަން އަޅައެއް ނުކިޔޭނެއެވެ. އަދި ކިޔޭކަށްވެސް ނެތެވެ. މިހާތަނަށް ތިން ފަހަރު ބެލަންޑޯ ހޯދާފައިވާ ރޮނާލްޑޯ، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން މިފަހަރުގެ ޔޫރޯގެ ފައިނަލްގައިވެސް އެއްކޮޅުން ކުޅޭނެއެވެ.
އެހެންނަމަވެސް މިފަހަރުގެ ޔޫރޯ ފައިނަލްގައި ނަސީބު، ގްރީޒްމަންގެ އަތުގައި ހިފައިފި ނަމަ، 2007 ވަނަ އަހަރު ކާކާ ހޯދި ބެލަންޑޯއަށް ފަހު، މެސީއާއި ރޮނާލްޑޯގެ ހޯދަމުން އަންނަ ބެލަންޑޯ ހޯދާ ފުރަތަމަ ކުޅުންތެރިއަކަށް ގްރީޒްމަން ނުވެދާނެބާއެވެ؟
"މި ސީޒަންގައި ދައްކަމުންދާ ކުޅުމަށް ބަލާފައި އަހަރެން ގަބޫލުކުރާ ގޮތުގައި ގްރީޒްމަން އަށް މިފަހަރުގެ ބެލަންޑޯ ލިބިދާނެ،" ފްރާންސްގެ މިޑްފީލްޑަރު ބްލައިސީ މަޓުއިޑީ ބުންޏެވެ.
"އަހަރެން ވޯޓް ދޭނަމަ ދޭނީ ގްރީޒްމަންއަށް. އޭނާ މިފަހަރު ދައްކަމުން އެދަނީ ވަރަށް ތަފާތު ކުޅުމެއް. އަހަރެން އުންމީދުކުރަން އެގޮތުގައި ކުރިއަށް ދާނޭކަމަށް."