10 Jul 2016, 11:13
ފޭސްބުކްއާއި ފޭސްބުކް މެސެންޖާއަކީ ގުޅުން ބަދަހިކުރުމަށާއި މީހުންނާ ވަހަކަ ދެއްކުމަށް ބޭނުންކުރާ އެންމެ މުހިންދެ ދެ އެޕްލިކޭޝަނެވެ. ގިނަ މެސެޖިން އެޕްތަކެއް ބޭނުން ކުރެވެމުންދާ އިރު އޭގެ ތެރެއިން ބައެއް އެޕްލިކޭޝަންތަކުގެ މެސެޖުތައް އެންކްރިޕްޓް ކޮށްފައިވެ އެވެ.
ވިކަރ، ޓެލެގްރާމް، ވަޓްސްއެޕް އަދި ވައިބާއަށް ފަހު، މިހާރު ފޭސްބުކްގެ ޗެޓު ވެސް އެންކްރިޕްޓް ކުރަން ފަށައިފި އެވެ. ފޭސްބުކް އިން ބުނި ގޮތުގައި، ފޭސްބުކް ޗެޓް އެންކްރިޕްޓް ކުރާ ފީޗާ މިހާރު ދަނީ އެކި ޔޫޒަރުންނަށް އެވެއިލަބަލް ކުރަމުންނެވެ.
ފޭސްބުކް އިން ބުނަނީ މެސެންޖާގައި މީގެ ކުރިން ވެސް ފޭސްބުކް ޗެޓާއި މެސެންޖާ މެދުވެރިކޮށް ކުރާ ކޯލްތަކަކީ ވަރަށް ހައި ސެކިއުރިޓީ ސިސްޓަމެއްގެ ތެރެއިން ކުރެވޭ މެސެޖާއި ކޯލްތަކެއް ކަމަށާއި އެހެން ނަމަވެސް ވަރަށް ޒާތީ މައުލޫމާތުތަކެއް ހިއްސާ ކުރާ އިރު އިތުރު ރައްކާތެރިކަން ބޭނުންވާ ހާލަތްތައް ވެސް އަންނާތީ އެކަމަށް ހައްލެއް ހޯދައިދޭން ޖެހުނު ކަމަށެވެ.
ފޭސްބުކްގެ އާ އަޕްޑޭޓްތަކާ އެކު މި ފީޗާ ލިބެމުން ދާނެ އެވެ.
ވަން ޓު ވަން ސީކްރެޓް ކޮންވަޒޭޝަނެއްގައި މީހަކާ ވާހަކަ ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭ ފީޗާ ފޭސްބުކް އިން ދަނީ ޓެސްޓު ކުރަމުންނެވެ. މިއީ ގިނަ ޑިވައިސްތަކަކުން އޮންލައިން ވެގެން ހުންނަ މީހަކާ ވާހަކަ ދައްކާ ނަމަ، އޭނާ އެވަގުތު ބޭނުންކުރަމުންދާ ޑިވައިސަށް އެކަނި މެސެޖު ދާނެ ގޮތް ހެދޭނެ ފީޗާ އެކެވެ. އަދި އެ މެސެޖު ފޭސްބުކްއަށް ވެސް ނުލިބޭނެ އެވެ.
ސީކްރެޓް ކޮންވަޒޭޝަންގައި ޓައިމާ ކޮންޓްރޯލެއް ވެސް ހިމެނޭނެ އެވެ. މެސެޖު ވަކި ވަގުތުކޮޅަކަށް ކޮންވަޒޭޝަނުގައި ހުރެފައި، ވަގުތު ހަމަވުމުން އޮޓޮމެޓިކުން ޑިލީޓުވާ ގޮތެވެ.
ފޭސްބުކްގައި ސީކްރެޓް ކޮންވަޒޭޝަނަކީ އޮޕްޝަނަލް ފީޗާއެކެވެ. އެ ޗެޓުތައް ކިޔޭނީ ބޭނުންކުރާ ކޮންމެވެސް އެއް ޑިވައިސްއަކަށެވެ.
މީގެ އިތުރުން ސީކްރެޓް ޗެޓުގައި ޖީއައިއެފް، ވީޑިއޯ، ޕޭމެންޓު ހެދުން އަދި މެސެންޖާގެ އެހެނިހެން ފީޗާތައް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.