22 May 2011, 10:16
ސުނާމީ ބިނާ ސަރަހައްދުގައި ހުރި ގާޑިޔަލެއްގެ ސޭޓަކަށް ހުރި ބިދޭސީ އަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމަކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުރުނބާ ގާޑިޔަލެއްގައި ހިދުމަތްދޭން ހުރި ބިދޭސީ އަކަށް ރޭ 12:00 ޖަހާކަން ހާއިރު ތޫނު އެއްޗަކުން ހަމަލާދީ އެމީހާގެ ކޮނޑުން ބައެއް ޒަޚަމް ކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާ އަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ރޭ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ މީހާއަކީ އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށާއި ޒަހަމްކޮށްލާފައި ވަނީ އެމީހާގެ ވާތު ކޮނޑު ކަމަށެވެ. މިހާރު އޮބްޒަވޭޝަންގައި އޮތް އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.
ބިދޭސީ މީހާއަށް ރޭ ހަމަލަ ދިން ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ގުރޫޕަކުން އޭނާއަށް ހަމަލަދިނީ ގާޑިޔާ ކައިރިއަށް ގޮސް ސިނގިރޭޓެއް ދޭށޭ ބުނުމުން ސިނގޭރޭޓެއް ނުދީގެން ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.