ޓެގް އަޅުވާފައި ތިބި ބައެއް ކުށްވެރިންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ ޓެގް އަޅުވާފައި ތިބި ބައެއް ކުށްވެރިންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ދީފައި ވަނީ އެމީހުން އެކަމަށް އެދި ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.

އިސްމާއީލް ވިދާޅުވީ އެމީހުން ބައިބަލާ ކުޅޭނީ ވެސް ޓެގާ އެކު ކަމަށެވެ.

"ބައިބަލާ ކުޅެންވީމާ ޓެގް ނުނެއްޓުވޭނެ. ޓެގް ހުންނާނީ އަޅުވާފައި،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެގޮތަށް ނިންމާފައި ވަނީ. ބައިބަލާ ކުޅޭ އިރު ވެސް ފުލުހުން އެމީހުން ބަލަހައްޓާނެ. ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައި އެމީހުން ތިބޭނީ ބައިބަލާ ކުޅޭއިރު ވެސް،" އިސްމާއީލް ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައިކޯޓުން މިހާތަނަށް މޮނިކޮން އަމުރު ނެރެފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެދިލެއްވުމަކަށް ފުލުހުން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އުމަރު ވިދާޅުވެފައި ވަނީ ޓެގް އަޅުވާފައި ވަނީ ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފައިގައި ކަމަށާއި އެމީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ކަމަށެވެ.