09 Jul 2016, 22:04
އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހުން ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މާރާމާރީއަކާ ގުޅިގެން ހޯދަން ބޭނުންވެގެން ފުލުހުން އިއުލާން ކުރި އައްޑޫ ސިޓީ ހިތަދޫ މަދިރިކޮލުގޭ އާޒިމް ވަހީދު ހައްޔަރު ކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާޒިމް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫއިން ކަމަށެވެ.
ނަމަވެސް އާޒިމް ހައްޔަރު ކުރީ ކޮން އިރަކު ހިންގި މާރާމާރީއަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އިރު އެ މާރާމާރީއާ ގުޅިގެން ހޯދަން ބޭނުންވާ ދެ މީހެއްގެ ފޮޓޯ ފުލުހުން އާންމު ކުރި އެވެ. އެ މާރާމާރީގައި ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. ބައެއް މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފަ އެވެ.