އދ. މާމިގިލިން: އަހުމަދު ސާއިލް އަލީ

ގަވައިދާ ހިލާފަށް މަސައްކަތް ކުރާ އެބިދޭސީ މީހާ ފުރަތަމަ އެ ރަށަށް ދިޔައީ އާދައިގެ ވަޒީފާއަކަށެވެ. މިއަދު އޭނާއަކީ އެ ރަށުގައި ދިރިއުޅޭ އެންމެ ތަނަވަސް މީހެކެވެ. އޭނާ އެކަން ކާމިޔާބު ކުރީ އެ ރަށަށް ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް ހޯދި އާމްދަނީންނެވެ. މިއަދު އެ ރަށުގެ އިގްތިސާދީ ގިނަ ކަންކަން އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ. މި ދައްކަނީ މާމިގިއްޔަށް ބިދޭސީންގެ ނުފޫޒު ފޯރާފައިވާ މިންވަރެވެ.

މާމިގިލީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި 2890 މީހުން އެ ރަށުގެ ރަޖިސްޓްރީގައި ހިމެނިފައިވާ އިރު 4500 އަށް ވުރެ ގިނަ މީހުން އެރަށުއި ދިރިއުޅެ އެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ ބިދޭސީން ހިމެނެ އެވެ. ބިދޭސީންގެ ތެރެއިން ގިނައީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނެވެ. އެ މީހުން އަންނަނީ އެ ރަށުން އާމްދަނީ ލިބޭނެ މަގުތައް ކޮންޓުރޯލް ކުރަމުންނެވެ.

މާމިގިލީގައި ބިދޭސީން އެންމެ ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކީ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހިންގުމެވެ. އެފަދަ 10 ތަން މިރަށުގައި ހިންގާއިރު އޭގެ ތެރެއިން ހަ ތަން ހިންގަނީ ބިދޭސީންނެވެ. ބޯކޮށާ ތިންތަން ހިންގާ އިރު އެއީވެސް ބިދޭސީންގެ ތަންތަނެވެ. ފަހާ ހަ ތަން ހިންގާ އިރު އޭގެ ތެރެއިން ތިން ތަން ހިންގަނީ ބިދޭސީންނެވެ. އަދި ބިދޭސީން ހިންގާ ދެ ފިހާރައެއް އެ ރަށުގައި ހުރެ އެވެ.

މިރަށު ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވި ގޮތުގައި ހުއްދަ ނެތި ރަށުގެ ބިން ބޭނުން ކޮށްގެން ދަނޑުވެރިކަންކޮށް އެ ވިޔަފާރި ކުރުމަށް ވެސް އެތައް ބިދޭސީންނެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކަން ވެސް އެ ވަނީ ނުހުއްޓި އެވެ.

ބިދޭސީންގެ "ވަތަނީ" ކަމުން ބިދޭސީއެއް ހިންގާ ތަނަކުން ފިޔަވައި މަދުފަހަރެއްގައި ނޫނީ އެމީހުން ވިޔަފާރިއެއް ނުކުރެ އެވެ. ބިދޭސީންގެ ތެރޭގައި މިރަށު އިސްމީހަކަށް އުޅޭ މީހާ މިހާރު އުޅެނީ މިރަށުން މީހަކާ އިނދެގެންނެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައިވާ އިރު އެއީ އޭނާގެ ވިޔަފާރި ފުޅާކުރަން އޭނާ އަށް ލިބިފައިވާ އިތުރު ފުރުސަތުތަކަށް މި ވަނީ ވެފަ އެވެ.

މި ރަށަށް އާދައިގެ ވަޒީފާތަކަށް އަންނަ ބިދޭސީން ކަންކުރާގޮތަކީ ފުރަތަމަ ކަމަކަށް މިރަށް ދަސް ކުރަނީ އެވެ. އެއަށް ފަހު އޭނާ ވަކިން ގުރޫޕެއް ހަދަ އެވެ. އެއަށް ފަހު މާލެއިން އިތުރު ބިދޭސީން ގަވައިދާ ހިލާފަށް އެރަށަށް ގެނެ އެވެ. ދެންއެއާ އެކު ވަކި ގްރޫޕުތައް ހަދައި އެކި މަސައްކަތް ކުރެ އެވެ. ކެފޭ ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އާއި ކޮންސްޓުރަކްޝަން ދާއިރާގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން މި ރަށުގައި ދަނީ ހަރަކާތްތެރިވެ އާމްދަނީ ހޯދަމުންނެވެ.

"ކަމަކަށް ކަމެއް ކުރާހެން އައިސް މަސައްކަތްކޮށް މަސައްކަތްތަކުގެ އަގު މި ވައްޓާލަނީ، އަގުވައްޓާލިޔަސް ރާއްޖެ ފައިސާ އެމީހުންގެ ޑާކާ (ބަނގުލަދޭސް ރުފިޔާ) އިން ބޮޑު އެއްޗެއް ލިބޭނު، ދެން ހުރިހާ ކަމެއް މި މީހުން މިކުރަނީ،" މާމިގިލީ ވިޔަފާރި ވެރިއެއްކަމަށްވާ މުންޒިރު މުހައްމަދު ބުންޏެވެ.

ގަވައިދާ ހިލާފަށް މިރަށަށް އައިސް ގިނަ ބިދޭސީން ހަރަކާތްތެރިވާއިރު އެކޮމެޑޭޝަން ހަމަޖެއްސުމަށް އެ މީހުން ކަންކުރާގޮތަކީ ފަޅުގެތައް ދިވެހިންގެ އަތުން ކުއްޔަށް ހިފައި އެމީހުން އެގެތައް "ގެސްޓް ހައުސް"ގެ ގޮތުގައި ހިންގަނީ އެވެ. ގޭގެ ކަންތަކާއި ކެއްކުން ފަދަ ހުރިހާ ކަމެއް ވެސް މެނޭޖު ކުރުން މިއޮންނަނީ އެމީހުންގެ އަތްމަތީގަ އެވެ.

މިރަށުގެ ކަމުއޮށިގެންވާ ރައްޔިތުން މައުލޫމާތުދޭ ގޮތުގައި އެ ރަށުގައި ވިޔަފާރިކޮށް އަތްގަދަކޮށްގެން އުޅޭ ބައެއް ވިޔަފާރިވެރިންނަކީ އެއްރަށުން ފަހާލުމުން އަނެއްރަށަށް ގޮސް ވިޔަފާރިކޮށް އުޅޭ ބިދޭސީންނެވެ. މިއީ އެރަށު ކައުންސިލްގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.

ކައުންސިލް ރައީސް ޖުނައިދު ވިދާޅުވީ ބިދޭސީން އިތުރުވުމުގެ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ތިން ފަހަރެއްގެ މަތިން އިމިގުރޭޝަނުން ބޭފުޅުން އައިސް ބައެއް ބިދޭސީން ފޮނުވާލާފައިވާ ކަމަށެވެ. ބައެއް ބިދޭސީން އެ ރަށުގައި ވިޔަފާރި ކުރަމުންދަނީ ދިވެހިންގެ ނަމުގައިކަމުން އެއީ އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވި އެވެ.

"މިވާގޮތަކީ ދިވެހިންގެ އަތުން ކުއްޔަށް ނަގައިގެން ދިވެހިން ނަމުގައި އެކަމަކު މިމީހުން ކޮންޓޫރޯލްކޮށްގެން މިހިންގަނީ، އެހެންވީމާ އެކަމަށް ކައުންސިލް އިން ނުވަދެވޭ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީން މަދުކުރުމަށް ތަފާތު މަސައްކަތްތައްކޮށް ވިޔަފާރިތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު ވަކިވަކި ގެތަކަށް ލިޔުމުން އަންގައި އެކަން ހުއްޓުވުމަށް މަސައްކަތްކުރާ އިރު އިމިގްރޭޝަނުގެ އޮފިސަރުން އެ ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އެތައް ރަށެއްގެ ހާލަތެވެ. ބިދޭސީން އެ ރަށްރަށަށް ވަޒަންވެރިވެ އެކި ސަރަހައްދުތަކަށް އެދަނީ އަތްގަދަކުރަމުންނެވެ. ހާއްސަކޮށް ވިޔަފާރިތަކުގެ އަގުތައް ވައްޓާލައި ވިޔަފާރިތައް އެދަނީ ކޮންޓުރޯލް ނަގަމުންނެވެ. އެކަންބޮޑުވުންތަކާ ގުޅިގެން އިމިގުރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރަށަކަށް ގޮސް އުޅޭ ބަޔަކު އެ ރަށު ކައުންސިލް އިން މޮނީޓާ ކުރަން ޖެހޭ ކަމަށާއި އެފަދަ މައްސަލަތަކުގައި ރަށްރަށަށް ގޮސް ބިދޭސީން އިމިގުރޭޝަންގެ ބެލުމުގެ ދަށަށްގެންގޮސް ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާމިގިލީގެ ވިޔަފާރިތަކުގެ ބޮޑުބައެއް މިވަނީ ބިދޭސީން ކޮންޓުރޯލްކޮށްފަ އެވެ. އަސާސީ ހިދުމަތްތައް ވެސް އެވަނީ އެމީހުންގެ އަތްމަތީ އެވެ. ދިވެހި ވިޔަފާރިވެރިން މިވަނީ ބިކަވެފަ އެވެ. އެހެންކަމުން މިކަމަށް ހައްލެއް މިރަށުން ބޭނުންވެ އެވެ. ނޫނީ މިރަށް ބިދޭސީން ކޮންޓުރޯލް ނަގާކަމަށް މާކަ ގިނަދުވަހެއްނެތެވެ.