"ރާއްޖެޓީވީ"ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކްރަމް ކަމާލުއްދީން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެ ޓީވީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އަކްރަމް ކަމާލުއްދީން ރާއްޖެ ޓީވީގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވައި، އެ ޓީވީ ޗެނަލް ހިންގާ ކުންފުނިން ވެސް ވަކިވެވަޑައިގެންފައި ކަމަށެވެ.

އޮންލައިން ނޫސް ރާއްޖެ އެމްވީގައި ބުނާ ގޮތުގައި، އަކްރަމް ވަނީ ރާއްޖެ ޓީވީ ހިންގާ ކުންފުނި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުގައި އޮތް އޭނާގެ ހިއްސާ ވެސް ދޫކޮށްލައްވާފަ އެވެ.

ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ވެސް ކުރައްވާ އަކްރަމް ކަމާލުއްދީނަކީ އެމްޑީޕީގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ވަނީ އަކްރަމް އެ އިއްތިހާދުގެ ޝެޑޯ ކެބިނެޓުގެ މީޑިއާ ސެކްރެޓަރީގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.

އަކްރަމް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުގެ މައުލޫމާތު ލިބޭ އިރު، ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގެ ޝަރީޢަތުގައި، އެ އަމުރު ނެރުމުގެ ފަހަތުގައި ތިއްބެވީ ކުރީގެ ކުރީގެ ރައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަކްރަމް ކަމާލުއްދީން ކަމަށް ސިއްރު ހެކިވެރިއަކު ބުނެފައި ވެ އެވެ.

އެއަށް ފަހު، މިދިޔަ މަހުގެ ތެރޭގައި ފުލުހުން ދަނީ އަކްރަމާއި ޑރ. ޖަމީލް ފުލުސް އޮފީހަށް ފަށައިފަ އެވެ.