އެފްރިކާގެ ދެ ގައުމު ކަމުގައިވާ ދަ ގެމްބިއާ އަދި ޓެންޒޭނިއާގައި ކުޑަކުދިންނާ ކައިވެނިކުރުން މަނާކޮށްފި އެވެ.

ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި ގެމްބިއާގެ ރައީސް ޔަހްޔާ ޖަމޭހް އެގައުމުގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްވި ޚިތާބުގައި ވިދާޅުވީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ކައިވެނި ކުރާ މީހަކު 20 އަހަރަށް ޖަލަށް ލާނެ ކަމަށެވެ.

އަދި މިފަދަ ކައިވެނިތައް ކޮށްދޭ އިމާމުންނާއި ކުދިންގެ ބެލެނިވެރިން ވެސް ޖަލަށް ލާނެ ކަމަށް އޭނާ ވިދާޅުވެ، ބެލެނިވެރިންނަށް އިންޒާރު ދެއްވި އެވެ.

"އަޅުގަނޑުގެ މި ވާހަކައިގެ ތެދު ދޮގު ބައްލަވަން ބޭނުންވާ ނަމަ މާދަމާވެސް މިކަން ކުރައްވާފައި ދެން ވާނެ ގޮތް ބައްލަވާ!" ގެމްބިއާގެ ރައީސް އިންޒާރު ދެއްވި އެވެ.

ގެމްބިއާގެ ރައީސްގެ ނިންމުމަށް ގިނަ ބަޔަކު މަރުހަބާ ކީ ނަމަވެސް، އެކަން މަނާ ކުރުމަށް ރައީސް ނިންމެވި ގޮތް ގިނަ ބަޔަކަށް ކަމު ނުދެ އެވެ. ގެމްބިއާގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ބެލެނިވެރިންނާއި އިމާމުންނަށް ބިރު ދައްކައިގެން މިކަން ކުރުމުގެ ބަދަލުގައި މިކަމާ މެދު ހޭލުންތެރިކޮށްގެން ކަންކަން ކުރުމަކީ މާ އެދެވޭ ގޮތެއް ކަމަށެވެ.

ގެމްބިއާގެ އިތުރުން ޓެންޒޭނިއާގައި ވެސް ވަނީ ކުޑަކުދިންނާ ކައިވެނިކުރުން މަނާކޮށްފަ އެވެ.

ޓެންޒޭނިއާގައި މީގެ ކުރިން އޮންނަ ގޮތުން 14 އަހަރާ 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ބެލެނިވެރިންގެ ރުހުމަ އެކު ކައިވެނި ކުރެވެ އެވެ. ފިރިހެން ކުދިންނަށް ކައިވެނި ކުރެވޭނީ އެންމެ ދަށްވެގެން 18 އަހަރު ވެގެންނެވެ.

ޓެންޒޭނިއާގެ ހައި ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އެގައުމުގައި ކުޑަކުދިންނާ ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެހުމުން އެގައުމުގެ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ލިބުނު ބޮޑު ކާމިޔާބެއް ކަމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ.