09 Jul 2016, 18:11
އިނގިރޭސި ކްލަބު ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުންދިޔަ ސެނެގޯލް ފޯވަޑް ޕަޕިސް ސީސޭ ޗައިނީސް ސުޕަރ ލީގުގެ ކްލަބެއް ކަމަށްވާ ޝަންޑޮންގް ލުނެންގަށް ބަދަލުވެއްޖެ އެވެ.
ޝަންޑޮންގަށް ސީސޭ ބަދަލުވިކަން ނިއުކާސަލް އިން ވެސް ކަށަވަރު ކޮށްދީފައިވާ އިރު، ޗައިނާގެ ކްލަބަށް އޭނާ ގުޅިފައިވަނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އެ ކްލަބާ ގުޅުނީ 2.5 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ހަބަރުތައް ބުނެ އެވެ.
"ކުރިއަށްއޮތްތާ ސީސޭގެ ކެރިޔަރުގައި ކާމިޔާބަށް އެދެން،" ނިއުކާސަލްގެ ރަސްމީ ވެބްސައިޓުގައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖަރުމަނުގެ ފްރޭބާގުން 2012 ވަނަ އަހަރު ނިއުކާސަލްއާ ގުޅުމަށްފަހު ސީސޭ ވަނީ އެ ކްލަބަށް ކުޅުނު 131 މެޗުން 44 ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ނިއުކާސަލް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށް އޭނާ އަށް މާ ބޮޑު މަސައްކަތެއް ކޮށްދެވިފައެއް ނުވެ އެވެ.
ސީސޭގެ އިތުރުން ބްރެޒިލްގެ ހަލްކު ވެސް ވަނީ ދާދި ފަހުން އޭޝިއާގެ ރެކޯޑު އަގަކަށް ޗައިނާގެ ކްލަބަކާ ގުޅިފައެވެ. ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް އާއި އެލްކެސް ޓެކްސޭރާ ވެސް މިހާރު ކުޅެމުންދަނީ ޗައިނާގެ ކްލަބަކަށެވެ.