ރިޔާޟް : ދުނިޔޭގެ އެންމެ މުއްސަނދި 100 މަހުޖަނުންގެ ތެރޭގައި ހިމެނޭ ސައޫދީ ރައްޔިތެއް ކަމަށްވާ ސުލައިމާނުއްރާޖިޙީ، އޭނާގެ މުއްސަނދިކަމުގެ ތެރެއިން ހަހާސް މިލިޔަން އެމެރިކާ ޑޮލަރު (25 ހާސް މިލިޔަން ސަޢޫދީ ރިޔާލު) ބެހުމަށް ނިންމައިފި އެވެ.

އައްރާޖިޙީ އާ ޙަވާލާދީ ކުވައިތުގެ އަލްޤަބަސް ނޫސް ބުނިގޮތުގައި މިއީ އޭނާގެ މިލްކިއްޔާތުގައިވާ ފައިސާގެތެރޭން މަދުމިންވަރެއް ކަމަށާ މިފައިސާ ބަހަން ގަސްދުކޮށްފައިވަނީ އޭނާގެ ދަރިންނަށާއި އަނބިންގެ އިތުރުން ފަގީރުންނާއި ޔަތީމުންނާ އަދި މިސްކީނުންނަށެވެ.

ފޯބްސް މަޖައްލާ ބުނާގޮތުން ސުލައިމާނުއްރާޖިޙީގެ މުއްސަނދިކަމުގައި 44 ހާސް މިލިޔަން އެމެރިކާ ޑޮލަރު (44 ބިލިޔަން އެމެރިކާ ޑޮލަރު) އެބަހުއްޓެވެ. އައްރާޖިޙީ އަކީ ބޭންކިން ދާއިރާ ތަރައްޤީކޮށްގެން މުއްސަދިވެފައިވާ ސަޢޫދީ ރައްޔިތެކެވެ. އޭނާ ބޭންކިން ދާއިރާގެ މަސައްކަތް ފަށާފައިވަނީ މިގެ 60 އަހަރު ކުރިންނެވެ. މިހާރު އޭނާގެ އަމިއްލަބޭންކްތައް އެބަހުއްޓެވެ.

މީގެތެރޭން އެއްބޭންކަކީ އައްރާޖިޙީ ބޭންކެވެ. މިއީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ވަރަށް ބޮޑު އިސްލާމީ ބޭންކެކެވެ. އައްރާޖިޙީއަކީ މިހާރު އުމުރުން 80 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެކެވެ. އައްރާޖިޙީ ވިދާޅުވި ގޮތުގައި އޭނާގެ މުއްސަނދިކަމުގެ ބައެއް ދުނިޔޭގައި ހުންނަވައިގެން ބެހުމުގެ ބޭނުމަކީ އޭނާގެ އެއްވެސް ދަރިއަކު އޭނާ ދުނިޔޭގައި ހުންނަވަނިކޮށް މަރުވެއްޖެނަމަ އެދަރިއެއްގެ ދަރިންނަށް އޭނާގެ މުދަލުން ބައިނޭޅޭނެކަމުގެ ބިރު ހީވުމެވެ.
މިހެންވެއްޖެނަމަ އޭނާ އަވަހާރަވުމަށްފަހު ދަރިންގެ މެދުގައި މުދަލުގެ އަރާރުން އުފެދޭނެކަމުގެ ބިރު އިޙްސާސް ކުރެއްވޭތީ ކަމަށް އައްރާޖިޙީ ވިދާޅުވިއެވެ. އައްރާޖިޙީ މުސްކުޅިވެފައިވީ ނަމަވެސް ވަރަށް ޅަދަރިން އޭނާގެ އެބަތިއްބެވެ. ބާލިޣްނުވާ އެތަށް ދަރިންނެއް އޭނާގެ އެބަތިއްބެވެ.

އަނެއްކޮޅުން ކާފަދަރިންނާއި މުނިކާފަ ދަރިންވެސް ގިނަ ޢަދަދަކަށް އެބަތިއްބެވެ. އައްރާޖިޙީ ދާދިފަހުންވަނީ އޭނާގެ މުއްސަނދިކަމުގެ ބައެއް އިސްލާމީ ޚައިރާތު ފަންޑުތަކަށް ވެސް ހޭދަކޮށްފަ އެވެ. މިގެއިތުރުން އޭނާއަކީ ފަގީރުންނާއި މިސްކީނުންނާ އަދި ޔަތީމުންނަށް އެހީދެއްވުމުގައި ވަރަށް ދީލަތި ބޭފުޅެކެވެ. -- އަލްޤަބަސް