09 Jul 2016, 18:01
ޕާކިސްތާނުގައި އެންމެ ފުޅާ ދާއިރާގައި އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދޭ މަޝްހޫރު އީދީ ފައުންޑޭޝަންގެ ބާނީ އަބްދުލްސައްތާރު އީދީ އަވަހާރަވެއްޖެ އެވެ.
އީދީއަކީ އޭނާގެ ޚިދުމަތަށްޓަކައި، ޕާކިސްތާނުގެ އެންމެންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިއަދު އަވަހާރަވީ އުމުރުން 88 އަހަރުފުުގައި، ކިޑްނީ ފެއިލްވުމުގެ ސަބަބުންނެވެ.
އީދީ އަވަހާރަވީ 2013 ވަނަ އަހަރު ކިޑްނީ ފެއިލްވި އިރު، ޑޮކްޓަރުން ބުނީ އޭނާއަށް ކިޑްނީ ޑޯނަރެއް ލިބި، ކިޑްނީ ޓްރާންސްޕްލާންޓު ހެދެންދެން އޮންނަން އަބަދަށް ޑަޔަލީސިސް ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް އީދީ މިއަދު އަވަހާރަވީ އޭނާގެ ހާލު ދެރަވެ، ވެންޓިލޭޓަރަށް ލައިގެން އުޅެނިކޮށެވެ.
އީދީއަކީ އިންޑިއާގެ ގުޖުރާތުން ޕާކިސްތާނަށް ދިރިއުޅުން ބަދަލުކުރި ވިޔަފާރިވެރި އާއިލާއެއްގެ ބޭފުޅެކެވެ. އޭނާ ޕާކިސްތާނަށް ވަޑައިގަތީ 1947 ވަނަ އަހަރު އެވެ.
އެހެން ނަމަވެސް އީދީ އާއިލާގެ ވިޔަފާރީގެ ކަންތައް ދޫކޮށްލައި، އާންމު އިޖްތިމާއީ ޚިދުމަތަށް ނުކުމެވަޑައިގަތީ އޭނާގެ މަންމަ ޕެރެލައިޒްވެ، ބަލިވުމުން މަންމައަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ދައުލަތުން ނުކުޅެދުމުންނެވެ.
އީދީ އޭނާގެ އެންމެ ފުރަތަމަ ކްލިނިކް ހުޅުވީ 1951 ވަނަ އަހަރު އެވެ. އަދި އީދީ ފައުންޑޭޝަނުގެ ނަމުގައި ބޮޑު ޖަމިއްޔާއެއް އުފައްދަވައި، އެޖަމިއްޔާގެ ދަށުން ސްކޫލުތަކާއި ޔަތީމުޚާނާތަކާއި ހޮސްޕިޓަލުތައް ހުޅުވައި، މުޅި ގައުމުގައި އެމްބިއުލާންސްގެ ޚިދުމަތްތައް ފޯރުކޮށްދީ ހެއްދެވި އެވެ. ގިނަ ފަހަރަށް ޕާކިސްތާނުގެ ދައުލަތުގެ ސިއްހީ ނިޒާމުން ނުކުރެވި ހުންނަ ކަންކަން ކޮށްދެނީ އީދީ ފައުންޑޭޝަނުގެ ފަރާތުންނެވެ.
އީދީ ފައުންޑޭޝަން ހިންގާތާ މިހާރު 60 އަށް ވުރެ ގިނަ އަހަރު ވެދާނެ އެވެ.
އީދީއަށް ރަސްމީ އިއްޒަތުގެ ޖަނާޒާއެއް ދިނުމަށް ޕާކިސްތާން ސަރުކާރުން ނިންމާފައިވާ އިރު، އޭނާ އެންމެ ފަހު ފަހަރަށް ދެކިލުމަށްޓަކައި އެތައް ހާސް ރައްޔިތުންނެއް ތިބީ ކަރާޗީގެ ގައުމީ ފުޓުބޯޅަ ދަނޑުގެ ބޭރުގައި ކިއު ހަދައިފަ އެވެ.
އީދީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ.
އަބްދުލްސައްތާރު އީދީއަކީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރެއްވި ބޭފުޅެކެވެ. އޭނާ ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ އޮފީހާ ޖެހިގެން ހުންނަ، ދެ ކޮޓަރީގެ ކުޑަ އެޕާޓްމެންޓެއްގަ އެވެ. އަދި އޭނާ އަތުގައި އޮންނަނީ އެންމެ ދެ ހެދުން ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.
އީދީގެ ކްލިނިކުގެއްގައި މަސައްކަތް ކުރެއްވި، ބަލްގިސް ނަމަކަށް ކިޔާ ނަރުހަކާ އޭނާ 1965 ވަނަ އަހަރު ކައިވެނި ބައްލަވައިގަތެވެ. އެ ދެމަފިރިންނަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައި ވެ އެވެ.