09 Jul 2016, 18:01
ބްރެޒިލްގެ ސަންޓޯސް އިން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ނޭމާއާ ދެކޮޅަށް ވެއްދި މައްސަލައެއް ސްޕެއިންގެ ކޯޓަކުން ބޭރުކޮށްލައިފި އެވެ.
ސަންޓޯސް އިން ބާސާ އަށް 2013 ވަނަ އަހަރު ބަދަލުވުމުގައި ނޭމާ މަކަރު ހަދާފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ވައްދާފައިވަނީ ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިންނެވެ.
އެ މައްސަލާގައި ނޭމާ އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ބައްޕަ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ނޭމާގެ ޓްރާންސްފާގައި ޓެކުހަށް މަކަރު ހެދިކަމުގެ މައްސަލައެއްގައި މިދިޔަ މަހު ބާސާ ވަނީ 5.5 މިލިއަން ޔޫރޯ އަށް ޖޫރިމަނާކޮށްފައެވެ. އެ މައްސަލަ އާއި ނޭމާއާ ދެކޮޅަށް ބްރެޒިލްގެ ކުންފުނިން ވައްދާފައިވާ މައްސަލައަކީ މުޅިން ތަފާތު ދެ މައްސަލައެކެވެ.
ސަންޓޯސް އިން ބާސާ އަށް ބަދަލުވުމަށް ފަހު ނޭމާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ނޭމާ ވަނީ ބާސާއާއެކު ދެ ފަހަރު ސްޕެނިޝް ލަލީގާ އާއި، ދެ ފަހަރު ކޮޕާ ޑެލް ރޭ އާއި، ޗެމްޕިއަންސް ލީގަކާއި، ސްޕެނިޝް ސުޕާ ކަޕެއް އަދި ކްލަބު ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައެވެ.
ބާސާ އަށް ކުޅެމުންދާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ވެސް ޓެކުހަށް މަކަރު ހެދިކަން ސާބިތުވެ، 21 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ. ޖޫރިމަނާ ފައިސާ ދައްކައިގެން ޖަލު ހުކުމުން ސަލާމަތްވެވެން އޮތް ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރުމަށް މެސީ ވަނީ ނިންމައިފައެވެ.