ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދާފައިވާއިރު، އެ ޓީމްގެ ކުޅުން އަންނަނީ ވަރަށް ބޮޑުތަން ކުރިއަރަމުން ކަމަށާއި މުސްތަގްބަލްގައި ގިނަ މެޑަލްތަކެއް ހޯދޭނެ ކަމަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ކޯޗު މާކޯ ޕިޕްލޮވިޗް ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ތިން ދުވަހުގެ މުއްދަތަށް ކުރި އަށް ދިޔަ އޭޝިއާ ޗެލެންޖަށް ކޮލިފައިވާން ކުޅުނު ސާބާ ޒޯން ކޮލިފިކޭޝަން ނިންމާލުމަށް ފަހު މިއަދު މާލެ އައި ބާސްކެޓްބޯޅަ ޓީމްގެ ކޯޗު ޕިޕްލޮވިޗް ބުނީ، ކޮލިފިކޭޝަނަށް ތައްޔާރުވާން ލިބުނު މުއްދަތާ އަޅައިބަލާއިރު ޓީމުގެ ފަރާތުން ފެނުނީ އެކަށީގެންވާ ރަނގަޅު ކުޅުމެއް ކަމަށާއި ޓީމާ މެދު އުންމީދު ވަރަށް ބޮޑު ކަމަށެވެ.

ގައުމީ ބާސްކެޓް ޓީމް މިއަދު މާލެ އައުމަށް ފަހު ޓީމްގެ ކުޅުންތެރިއަކު ޓްރޮފީ ހިފައިގެން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް"ކޮންމެ ފެށުމެއް ވެސް އުނދަގޫވާނެ. މި ފަހަރުގެ ކޮލިފިކޭޝަނުން މި ލިބުނު މެޑަލް އަކީ ފެށުމެއް ކަމަށް މި ބަލަނީ. ކުޅުންތެރިންގެ ފަރާތުން އެންމެ ބޮޑަށް ފެނުނީ މެޗުތަކުގައި ހިތްވަރު ކުރި ތަން،" ޕިޕްލޮވިޗް ބުންޏެވެ.

އޭނާ ބުނީ ދިމާވި އެންމެ ބޮޑު އުނދަގުލަކީ ރޯދަމުހުތެރޭގައި މުބާރާތް ކުރިއަށް ދިއުން ކަމަށާއި އެކަމުގެ ސަބަބުން މެޗު ތަކާއި ޕްރެކްޓިސް އަށްވެސް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ.

"މެޗުތައް ކުޅުނީ ދުވާލުގެ ވަގުތު ކަމުން ކުޅުންތެރިން ތިބީ ވެސް ރޯދަ އަށް. ނަމަވެސް ހުނަރުވެރި ކުޅުންތެރިންތައް ކަމަށް ވުމުން އެކަމުގެ އަސަރެއް މާބޮޑަށް ނުކުރޭ،" ޕިޕްލޮވިޗް ބުންޏެވެ.

އިންޑިއާގައި ކުރިއަށް ދިޔަ ސާބާ ޒޯން ކޮލިފިކޭޝަން ނިންމާލުމަށްފަހު މިއަދު މާލެ އައި ބާސްކެޓް ބޯޅަ ޓީމް ޓްރޮފީއާއި އެކު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ލީގު އުސޫލުން ކުޅުނު ކޮލިފިކޭޝަނުގައި ތިން މެޗު ވެސް ކާމިޔާބުކޮށް އިންޑިއާ ރަން މެޑަލް ހޯދި އިރު ރާއްޖޭގެ އިތުރުން ދެން އެ މުބާރާތުގައި ވާދަކުރީ ބަންގާޅާއި ނޭޕާލް އެވެ. ރާއްޖެއަށް ރިހި މެޑަލް ލިބުނީ ތިން ވަނައަށް ދިޔަ ނޭޕާލަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ލިބިގެންނެވެ.