ސްވިޓްލަޒެންޑުގެ ޓިޗީނޯ ކެންޓަންގައި މޫނު ބުރުގާ އެޅުން މަނާކުރި ފަހުން، މޫނު ބުރުގާ އެޅުމުގެ ސަބަބުން ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ސްވިޓްޒަލެންޑުގެ ޓިޗީނޯ ކެންޓަންގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، މޫނު ބުރުގާ އެޅުން މަނާ ކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ވޯޓުގެ ނަތީޖާއަށް ބަލައި، މޫނު ބުރުގާ އެޅުން މަނާ ކުރުމާ ބެހޭ ގަވައިދެއް ޓިޗީނޯގައި އެކުލަވާލި އިރު، ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މި ފެށުނު ޖޫން މަހުގަ އެވެ.

އެ ގާނޫނާ ޚިލާފުވާ ފަރާތްތަކުން އެގާނޫނުގެ ދަށުން ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ.

ޓިޗީނޯ ކެންޓަންގެ ކަމާ ބެހޭ ފަރާތްތައް ބުނާ ގޮތުގައި އެ ގާނޫނާ ޚިލާފުވި ދެ މީހަކު ފާހަގަވީ ގާނޫނަށް އަމަލު ކުރަން ފެށި ދުވަހު އެވެ.

ސްވިޓްޒަލެންޑުގެ އިސްލާމިކް ސެންޓްރަލް ކައުންސިލްގެ މެމްބަރު ނޯރާ އިލީ އެދުވަހު މޫނު ބުރުގާ އަޅައިގެން ޓިޗީނޯ ކެންޓަންގެ ލޮކާނޯ ސިޓީގައި އުޅުނު އިރު، އޭނާއާ އެކު އޭނާގެ އެކުވެރިޔާ އަދި ފަރަންސޭސި ވިޔަފާރިވެރިޔާ ރަޝީދު ނިކާޒް ހުރި އެވެ. ނިކާޒްއަކީ މޫނު ބުރުގާ މަނާ ކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލާ މީހެކެވެ.

އެ ދެމީހުން ވެސް ޖޫރިމަނާ ކޮށްފައިވެ އެވެ. ނިކާޒްގެ މައްޗަށް ޖޫރިމަނާ ކުރީ، މޫނު ބުރުގާ އަޅައިގެން ހުރި އޭނާގެ އެކުވެރިޔާގެ ކައިރިއަށް ފުލުހުން ދިއުމުން އެކަމާ ދެކޮޅު ހަދަން މަސައްކަތް ކުރުމުގެ ސަބަބުންނެވެ. ނިކާޒް 205 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް އަންގާފައިވާ އިރު ނޯރާގެ ޖޫރިމަނާގެ އަދަދު އަދި ކަނޑައަޅާފައެއް ނުވެ އެވެ. ގާނޫނު ބުނާ ގޮތުން 98 ޑޮލަރާއި 10،200 ޑޮލަރާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާ ކުރެވިދާނެ އެވެ.

މޫނު ބުރުގާއާ ދެކޮޅަށް ޓިޗީނޯގައި ހެދި ގާނޫނަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން އަމަލު ކުރަން ފެށި އިރު، ސްވިޓްޒަލެންޑުގެ ވެރިކަން ކުރާ ބާންގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފަރާތުން ވަނީ، ސްވިޓްޒަލެންޑަށް ޒިޔާރަތް ކުރަން އެދޭ ސައުދީ ރައްޔިތުން އެ ގާނޫނާ މެދު ހޭލުންތެރިވުމަށް ގޮވާލާ ލިޔުމެއް އާންމުކޮށްފަ އެވެ.

އަދި މައްސަލައެއް ނުޖެހޭނެ ގޮތަކަށް، ސްވިޓްޒަލެންޑުގައި އެގައުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް އިހްތިރާމުކޮށް، އެއަށް އަމަލު ކުރުމަށް ސައުދީ އެމްބަސީއިން ގޮވާލާފައި ވެ އެވެ.