ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ރާއްޖެއަށް ރިހި މެޑެއްޔެއް ހޯދައިދިން ގައުމީ ބާސްކެޓްބޯޅަ ޓީމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބާސްކެޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން އެ ޓީމަށް މަރުހަބާ ކިޔާފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހު އިސްމާއިލް އާއި ކޮމިޝަނަރު އޮފް ސްޕޯޓްސް އަހްމަދު ނަޝީދު އެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ބާސްކެޓް ޓީމަށް މަރުހަބާ ކިޔުމަށް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ރާއްޖެ އަށް ރިހި މެޑެއްޔެއް ހޯދައިދިން ގައުމީ ބާސްކެޓްބޯޅަ ޓީމަށް އައިއެންއައިއޭގައި ޔޫތު މިނިސްޓްރީން މަރުހަބާ ކިޔުން --- ފޮޓޯ: ޔޫތު މިނިސްޓްރީ

ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ޝާހު ވަނީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްގެ ފަރާތުން މަރުހަބާ ދަންނަވައި، ޓީމުން ކާމިޔާބުތައް ހޯދުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގެ ދެވަނަ ރާއްޖެއިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި އިރު، ނޭޕާލާއި ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. ރާއްޖެ އިން ހޯދި ރިހި މެޑެއްޔަކީ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުން ހޯދި ފުރަތަމަ މެޑެއްޔެވެ.

ފީބާ އޭޝިއާ ޗެލެންޖްގެ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ރާއްޖެ އަށް ރިހި މެޑެއްޔެއް ހޯދައިދިން ގައުމީ ބާސްކެޓްބޯޅަ ޓީމަށް އައިއެންއައިއޭގައި ޔޫތު މިނިސްޓްރީން މަރުހަބާ ކިޔުން --- ފޮޓޯ: ޔޫތު މިނިސްޓްރީ

އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގާޅު އަތުން 68-50 އިން ރާއްޖެ މޮޅުވި އިރު ދެވަނަ މެޗުގައި އިންޑިއާ އަތުން 40-96 ޕޮއިންޓުން ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ފަހު މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 54-62 ޕޮއިންޓުންނެވެ.

ކޮލިފައިންގައި ކުޅުނު ތިން މެޗުން މޮޅުވެ، އިންޑިއާ އިން ވަނީ ރަން މެޑެއްޔެއް ހޯދައި ސެޕްޓެމްބަރު މަހު އީރާނުގައި ބާއްވާ ފީބާ އޭޝިއާ ޗެލެންޖަށް ކޮލިފައިވެފައެވެ.