މޯލްޑިވްސް އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ޖޫން ސެމިސްޓާގެ ކިޔެވުން 600 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ.

އައިޔޫއެމް އިން މިއަދު ބުނީ، މިއަހަރުގެ ދެ ވަނަ ސެމިސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 700 އަށްވުރެ ގިނަ ދަރިވަރުން ފޯމް ހުށަހެޅި ކަމަށެވެ. އަދި ކޯސްތަކަށް ހޮވުނު 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިއަދު އޮރިއެންޓޭޝަނެއް ބާއްވާފައިވާ ކަމަށެވެ.

އައިޔޫއެމް އިން ވަނީ މިއަހަރުގެ ޖޫން ސެމިސްޓާގައި ހަތް ދާއިރާއަކުން 39 ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް މުޅިން އާ ނުވަ ކޯހެއް ހިމެނެ އެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި އާއްމު އޮރިއެންޓޭޝަންގައި ދަރިވަރުންގެ ކިޔެވުމާއި ގުޅޭ މައުލޫމާތު އަދި ދަރިވަރުން ސަމާލުވާންޖެހޭ ކަންތައްތައް ވަނީ ހިއްސާކޮށްފަ އެވެ. އަދި ކުއްލިއްޔާ އަދި ސެންޓަރުތަކުގެ މައުލޫމާތު ދަރިވަރުންނަށް ވަކިން ދިނުމަށް އެ ކުއްލިއްޔާގެ ޑީނުން އަދި ލެކްޗަރާރުން ވަނީ ދަރިވަރުންނާ ވަކިން ބައްދަލުކޮށް މައުލޫމާތުދީފަ އެވެ.