22 May 2011, 09:20
ތެހެރާން : އީރާނުގެ ޙައްސާސީ މަރުކަޒުތަކަށް ޖާސޫސު ކުރަމުން ގެންދިޔަ 30 މީހުން އެކުލެވޭ ޖާސޫސީ ވިޔުގައެއް ހައްޔަރު ކުރެވިއްޖެކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާގެ ބަޔާނަކާ ޙަވާލާދީ އެޤައުމުގެ ޓީވީ ބުނިގޮތުގައި މި 30 މީހުން އަތުލައިގަނެވުނީ އެމީހުންގެ ބޯކޮޅުބަލައި އެމީހުންގެ ޙަރަކާތްތައް ދިގުމުއްދަތެއްގެ ބެލުމުގެ އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރުމަށް ފަހުގައެވެ. މިކަމުގައި އީރާނުގެ ޖާސޫސީ އޮފިޝަލުންނަށް ތަޢްރީފް ޙައްޤު ކަމަށްވެސް އެބަޔާން ބުނެއެވެ.
ނަމަވެސް އެމެރިކާގެ ޖާސޫސީ ވިޔުގައިގެ ޙަރަކާތްތައް އަމާޒުކުރި އީރާނުގެ ޙައްސާސީ ތަންތަން އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. އީރާނުން ވަނީ އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޖާސޫސުކުރުމުގައި ޙަރަކާތްތެރިވި އެމެރިކާގެ އެތަށް ޖާސޫސުންނެއް ފާއިތުވި އަހަރުތަކުގައި ހައްޔަރުކޮށްފައެވެ.
އީރާނުގެ ޤާނޫނު ބުނާގޮތުން ބޭރުގެ ފަރާތަކަށް ޖާސޫސު ކޮށްދިންކަން ސާބިތުވާ ފަރާތްތަކަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުން ނޫނީ މަރުގެ އަދަބެވެ. އަދަބުގެ ބާވަތް ބިނާވެފައިވަނީ ޖާސޫސުކުރުމުގެ ކުޑަބޮޑުމިނުގެ މައްޗައްކަމަށް ޤާނޫނީ ފަރާތްތަކުން ބުނެއެވެ. -- ބީބީސީ/ޖަވާދު