ސޯލް (ޖުލައި 9) : ކަނޑުއަޑީގައި ދަތުރުކުރާ ސަބްމެރިން އެއްގެ ތެރެއިން އުތުރުކޮރެޔާ ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފި އެވެ.

އުތުރުކޮރެޔާގެ އަސްކަރީ ހަރަކާތްތައް ސައުވީސް ގަޑީއިރު ބަލައި އޮބްޒާވްކުރާ ދެކުނު ކޮރެޔާ އިން ބުނީ މިއަދު ހެނދުނު ކޮރެޔާ ގަޑިން ގާތްގަނޑަކަށް 11.30ގައި އުތުރުކޮރެޔާ އިން ބެލަސްޓިކް މިސައިލެއް ތަޖްރިބާ ކޮށްފައިވާ ކަމަށާ އެމިސައިލް އުދުއްސާލީ ކޮރެޔާ ކަނޑުގެ އައްސޭރިފަށުން ދަތުރުކުރި ސަބްމެރިންއަކުން ކަމުގަ އެވެ. އުތުރު ކޮރެޔާ ތަޖްރިބާކުރި މިސައިލަކީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއްކަމަށް ވެސް ދެކުނު ކޮރެޔާ ސިފައިންގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ނެރުނު ބަޔާނެއް ބުނެ އެވެ.

އުތުރުކޮރެޔާގެ އަސްކަރީ ހަރަކާތްތައް ބަލައި އޮބްޒާވްކުރާ އެމެރިކާއިން ވެސް ވަނީ މިއަދު ހެނދުނު އުތުރުކޮރެޔާ ބެލަސްޓިކް މިސައިލެއް ތަޖްރިބާ ކުރިކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުންބުނީ އުތުރުކޮރެޔާއިން ތަޖްރިބާކުރީ އެގައުމުން އުފައްދާ ކޭ، އެން. 11 ގެ ބެލަސްޓިކް މިސައިލެއްކަމަށާއި އެއީ މެދު ރާސްތާގެ މިސައިލެއް ކަމުގަ އެވެ.

އުތުރުކޮރެޔާގެ ސަބްމެރިންތަކެއް ކޮރެޔާ ކަނޑުގައި ފޯރުމަރަނީ

އަދި އުތުރުކޮރެޔާގެ ސިންބޫ އަސްކަރީ ބަނދަރު ކައިރިން (ކޮރެޔާ ކަނޑުގެ އައްސޭރިފަށުން) ދަތުރުކުރި ސަބްމެރިންއަކުން އުދުއްސާލި މި މިސައިލް ވެއްޓިފައި ވަނީ ޖަޕާން ކަނޑަށް ކަމަށާ އެ މިސައިލް އޭގެ ފުލް ރާސްތާއަށް ދަތުރުކުރި ކަމަށް ނުބެލެވޭކަމަށް ވެސް އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުން ނެރުނު ބަޔާނެއް ބުނެ އެވެ.

ޖަޕާނުން ވެސް ވަނީ އުތުރުކޮރެޔާ އިން މިއަދު ބެލަސްޓިކް މިސައިލެއް ތަޖްރިބާ ކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ އެއްވެސް ނުރައްކަލެއް ޖަޕާނަށް ނުފޯރާކަމަށް ޖަޕާނުން ބުނެފައިވެ އެވެ. ސަބްމެރިންގެ ތެރެއިން މިސައިލް ތަޖްރިބާ ކުރުމުގެ ގާބިލްކަން އުތުރުކޮރެޔާ ހޯދީ ދާދިފަހުންނެވެ. އެއަށް ފަހު ގިނަ އަދަދެއްގެ މިސައިލް ތަޖްރިބާތައް އުތުރުކޮރެޔާ ގެންދަނީ ކުރަމުންނެވެ.

މިކަމުގެ ފަންނީ ބޭނުމަކީ އެގައުމުގެ ސްޓްރެޓީޖިކް ބެލަސްޓިކް މިސައިލްގެ ނިޒާމުގައިވާ އުނިކަންތައްތައް ހޯދައި އެކަންކަން އިސްލާޙް ކުރުންކަމަށް ބެލެވިފައިވާއިރު މިކަމުގެ ފަހަތުގައިވާ ސިޔާސީ ބޭނުމަކީ އުތުރުކޮރެޔާގެ ދުޝްމަނުންކަމަށްވާ އެމެރިކާއާއި ދެކުނު ކޮރެޔާއާއި ޖަޕާނަށް މެސެޖްތަކެއް ދިނުންކަމަށްވަނީ ބެލެވިފަ އެވެ.

އުތުރުކޮރެޔާ މައިތިރި ކުރުމަށް އެމެރިކާއަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. ކުރެވޭހާ ވެސް ކަމަކީ އެގައުމުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ގެންގޮސްގެން ސަލާމަތީ މަޖިލީހުން ހަރުކަށި ބަޔާނެއް ނެރުމެވެ. ނޫނީ ދަތިކުރުމުގެ ކޮންމެވެސް ފިޔަވަޅެއް އެޅުމެވެ. މިއިން އެއްވެސް ކަމަކީ އުތުރުކޮރެޔާ ޖެހިލުންވާ ކަންކަމެއް ނޫނެވެ. (ރޮއިޓާސް)