09 Jul 2016, 13:18
އިންޑިއާއަށް ބޭސްފަރުވާ އަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށް އިންޑިއާގެ ކުންފުންޏަކުން ހެދި މެޑިކަލް ޓުއަރިޒަމްގެ ފޯކާސްޓް ރިޕޯޓަކުން ދައްކައިފި އެވެ.
އިންޑިއާގެ މާކެޓް ދިރާސާކުރާ ރީނަބް ރިސާޗް ކިޔާ ކުންފުންޏަކުން "އިންޑިއާ މެޑިކަލް ޓުއަރިޒަމް އެންޑް ފޯކާސްޓް"ގެ ނަމުގައި ނެރެފައިވާ އެ ރިޕޯޓުގައި ބުނީ، މީގެ ކުރިން އިންޑިއާ އިން ބޭސްފަރުވާ ހޯދަން ދާ ގައުމުތަކުގެ ލިސްޓުގެ ދެ ވަނައިގާ އޮތީ ރާއްޖެ ކަމަށެވެ.
ނަމަވެސް ރާއްޖެ އިން އިންޑިއާ އަށް ބޭސްފަރުވާ އަށްދާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވަމުން ގޮސް، މިހާރު އިންޑިއާ އިން ބޭސްފަރުވާ ހޯދަން އެންމެ ގިނައިންދާ ދެ ވަނަ ގައުމަކީ ރާއްޖޭގެ ބަދަލުގައި އަފްގާނިސްތާން ކަމަށް ރިޕޯޓުގައިވެ އެވެ.
އިންޑިއާ އަށް ބޭސްފަރުވާ ހޯދަން އެންމެ ގިނައިން މީހުންދާ ގައުމުތަކާއި އިންޑިއާށް ބޭސްފަރުވާއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމުތަކުގެ ތެރެއިން 63 ގައުމެއްގެ މައުލޫމާތު އެއްކޮށް ނެރެފައިވާ އެ ރިޕޯޓުގައި އެގައުމުތައް ވަނީ ތަރުތީބުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެ ރިޕޯޓުގައި ބުނާ ގޮތުން، އިންޑިއާ އަށް ބޭސްފަރުވާ އަށް އެންމެ ގިނައިން މީހުން ދަނީ ބަނގުލަދޭޝް އިންނެވެ. އަދި އިންޑިއާ އަށް ދަތުރުކޮށް ބޭސްފަރުވާ ކުރާ ރަޝިއާ ރައްޔިތުންގެ އިތުރުވަމުންދާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެފްރިކާގެ ނައިޖީރިއާ އަދި މެދުއިރުމަތީގެ އިރާގުގެ އިތުރުން ޔޫރަޕްގެ ޖަރުމަނާއި ފްރާސް އަދި ކެނެޑާ އިން މެޑިކަލް ޓުއަރިސްޓުންގެ ގޮތުގައި އިންޑިއާއަށްދާ މީހުން އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓަށް މައުލޫމާތު އެއްކޮށްފައި ވަނީ ރީނަބް ރިސާޗްގެ ޑޭޓާ ބޭސްތަކާއި ދިރާސާތަކުގެ އިތުރުން ނިއުސް ވެބްސައިޓުތަކާއި ސަރުކާރުގެ ވެބްސައިޓުތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ޓްރޭޑް ޖާނަލްތަކުން ވެސް މައުލޫމާތު އެއްކޮށްފައިވެ އެވެ.