09 Jul 2016, 12:19
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު އަދި އޭޓީއެމްގެ ހިދުމަތަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ފެށިގެން ހަ ގަޑިއިރަށް ހިދުމަތް މެދު ކަނޑާލުމަށްފަހު މިއަދު ހެނދުނު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ މެނޭޖިން ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ރޭ ދަންވަރު ގާތްގަނޑަކަށް 2:10 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައެއްގައި ހިދުމަތް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
ނަމަވެސް މައްސަލަ ހައްލުކޮށް މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ހިދުމަތް އަލުން ދޭން ފެށުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން މާލެ އާއި އަތޮޅުތަކުގައި 76 އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކާއެކު ކޭޝްކާޑުގެ ހިދުމަތް ދޭ 3،200 ތަންހުރެއެވެ.
ރޭ ދަންވަރު ބީއެމްއެލް އަށް ދިމާވި މައްސަލައާ ގުޅިގެން އެ ބޭންކުގެ ޕީއޯއެސް އަދި އޭޓީއެމްގެ ހިދުމަތުގެ އިތުރުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި ކާޑުގެ ހިދުމަތް ވެސް ވަނީ މެދު ކެނޑިފައެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިޔާހަތަށް މައާފަށް އެދިފައެވެ.